19 Dec 2010, 11:32
ޕްރޮގްރާމް ބަޖެޓެއްގެ ބަދަލުގައި 2011 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ޕޮލިސީ ބަޖެޓެއް ކަމަށާއި ބަޖެޓްގައި ހިމަނާފައިވާ ފައިސާ ހަރަދުކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ނުލިބެނީސް ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވުން ދަތިކަމަށް އިދިކޮޅު ގިނަ މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި، އިދިކޮޅު ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ބަޖެޓްގައި ފޫ ނުބެދޭ ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ. އަދި މިއީ އެއްވެސް ތަފްސީލެއްނެތް ބަޖެޓެއް ކަމަށާއި ވޭތުވެ ދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ހުށަހެޅުނު ބަޖެޓާ ބެހޭ ގޮތަށް ތަފާތު ވާހަކަ ދައްކާފައިވީ ނަމަވެސް އެ ބަޖެޓްގައި ތ. އަތޮޅަށް ކުރަން އޮންނަނީ ކޮން ކަންތަކެއްކަން އެގެން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަޖެޓުން އެންމެ ބޮޑަށް ފާހަގަވީ ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންތައްތައް ކަމަށާއި އޭގެ ތެރެއިން ފެންނަނީ ބޭރު ގައުމަކުން އައި މީހަކު ރާއްޖޭގެ ހަރު މުދާ ގަންނަމުންދާ މިންވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީނޫން ބަޔަކަށް ލިބޭ އެއްވެސް އެއްޗެއް މި ހެޔޮ ވެރިމުގައި ނޯވޭ. ވެރިކަމަށް އައިއިރު މި ބޭފުޅުން ވިދާޅުވި، ވިލުފުށީގައި ހުރެފައި އެ ދުވަހު ހަވީރު އައިސްކްރީމް ބޮއިގެން އެރޭ ކާންދާނީ މަޑިފުއްޓަށޭ. އަޅުގަނޑު ސުވާލުކޮށްލަން ބޭނުން އަދި ރައްޔިތުން އަމިއްލައަށް ސުވާލުކޮށްލަން ބޭނުން ކިތައް ފަހަރު އައިސްކްރީމް ބޮވިއްޖެތޯ. ދަތުރު ފަތުރު ކުރުމުގެ ނިޒާމުގެ ވާހަކަ ދައްކާއިރު އަތޮޅުތަކުގައި ހިމެނޭ އެންމެ ރީތި ރަށްރަށާއި ބިންބިން އެނަމުގައި [ދަތުރު ފަތުރުގެ ނަމުގައި] ދަނީ ރަށްޓެހިންނަށް ދެމުން،" ރިޔާޒު ވިދާޅުވި އެވެ.
އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޑީއާރުޕީގެ މެންބަރު ނައިފަރު ދާއިރާގެ އަހްމަދު މުހައްމަދާއި ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމާއި ކެލާ ދާއިރާގެ އަބްދުﷲ މައުސޫމާއި ފުނަދޫ ދާއިރާގެ އަލީ ސަލީމްގެ އިތުރުން ޕީއޭގެ މެންބަރުން ކަމަށްވާ، ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރުގެ ވާހަކާގައި ވެސް ބަޖެޓްގައި ފައިސާގެ އަދަދުތަކެއް ހިމަނާފައިވީ ނަމަވެސް އެ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ދާއިރާ ތަކާއި ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްރަށާ ބެހޭ ތަފްސީލު ހިމެނިފައި ނުވާކަން ފާހަގަ ކުރައްވައި އެ ތަފްސީލްތައް ނުލިބިވަޑައިނުގަންނަވަނީސް ބަޖެޓަށް ވޯޓުދެއްވެން ނެތް ކަމަށް ވިދާޅުވި އެވެ.
ބަޖެޓަށް އިދިކޮޅު މެންބަރުން ފާޑުވިދާޅުވި ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ މި ބަޖެޓަކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް އަމާޒު ކުރެވިފައިވާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. އެގޮތު ބަޖެޓްގެ ސަބަބުން ރައްޔިތުންނަށް އިތުރު ކުރިއެތުންތައް ލިބި، ދާއިރާތައް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ބަޖެޓާ ބެހޭ ގޮތުން ބޭނުންވާ މައުލޫމާތު އޮޅުން ފިލުއްވުމަށް ބޭނުންވާއިރު ފިނޭންސް މިނިސްޓްރީގެ އެއްވެސް ބޭފުލަކު މަޖިލީހުގައި ނެތުމުން މެންބަރުން އެކަމާ ސުވާލު ކުރެއްވި އެވެ.
އެމްޑީޕީގެ މެންބަރު ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ދިއްދޫ ދާއިރާގެ އަހްމަދު ސަމީރުގެ އިތުރުން އިދިކޮޅު ބައެއް މެންބަރުން ވެސް ވިދާޅުވީ، ބަޖެޓާ ބެހޭ ގޮތުން އެތައް މައުލޫމާތުތަކެއް އޮޅުން ފިލުއްވުމަށް ބޭނުންވާ ކަމަށާއި ނަމަވެސް ކަމާ ބެހޭ އެއްވެސް ބޭފުޅަކު މަޖިލީހުގައި ހާޒިރުވެވަޑައިގެންނެތް ކަމަށެވެ. އަދި އެބޭފުޅުންގެ އަޑު އެއްސެވުމަށް ފަހު ކަމާ ބެހޭ ފަރާތްތަކުން އެ ބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ބަޓެޓް ބަހުސް، އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވީ ނަމަވެސް މަޖިލީހުގެ ކޯރަމް ގެއްލުމުގެ ސަބަބުން 2:37 ގައި ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވަނީ ޖަލްސާ މެދުކަނޑުއްވާލައްވައިފަ އެވެ. ޝާޙިދު ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާ ފަށާނީ މިއަދު މެންދުރު ފަހު، 4:00ގައި ކަމަށެވެ.