25 Feb 2014, 14:07
ސުނާމީއާ ގުޅިގެން އަލަށް އާބާދު ކުރަން ފަށާފައިވާ ތ. ވިލުފުށީގައި 100 ގެ އެޅުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ ގެތަކަކީ 15 އަހަރުން އަގު ދައްކައި ހަލާސްކުރާ ގޮތަށް ރައްޔިތުންނަށް ދޫކުރުމަށް އަޅާ ގެތަކެއް ކަމަށެވެ. އަދި އެ ގެތަކަށް މަހަކު ދައްކަން ޖެހެނީ 2500ރ. ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ގެތަކަށް އެދި ވިލިފުށީގެ ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.
"ސުނާމީއާ ގުޅިގެން ވިލިފުށީގައި ހާލުގައި ޖެހުނު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް މިއީ. މި ޕްރޮޖެކްޓްގެ ސަބަބުން ވެސް އެ މައްސަލައަށް އެއްކޮށް ހައްލެއް ނުލިބޭނެ، ނަމަވެސް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ. ފުރަތަމަ މިއަޅަނީ 100 ގެ." މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ގެތައް އެޅުމުގެ އަަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށާއި ގެތަކުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އަހަރު ދުވަސް ތެރޭގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ވިލުފުށީގައި އަޅާ އެ ގެތަކަށް އެއް ފަހަރާ ފައިސާ ދައްކާ ހަލާސްކުރެވޭނެ އެވެ. އަދި އެ ގެތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ވިލުފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެ ގެތަކަކީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންޓް އިން ގާއިމްކުރަމުން ގެންދާ ޕްރައިވެޓް ވިލާ އިމާރާތް ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ 500 ގެ ތަކުގެ ތެރެއިން ވިލުފުށީގައި އެޅުމަށް ހަމަޖެހިފައިވާ 100 ގެ އެވެ.