ރާއްޖެއަށް އެންމެ މުހިންމީ ދިވެހި ޒުވާނުން ހަރުދަނާ ބަޔަކަށްވުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ ފޭދޫ ފިނޮޅުގައި މިހާރު ކުރިއަށްދާ ބްލޫސް ފޯ ޔޫތު ކޭމްޕަސް ޒިޔާރަތް ކުރައްވައި ކޭމްޕުގެ ބައިވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ކޭމްޕްގެ ބައިވެރިންނާ މުހާތަބުކުރައްވައި ހުސެއިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުން ޒުވާނުން ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބްލޫސް ފޯ ޔޫތް ކޭމްޕަކީ އެ މަސައްކަތުގެ ތެރެއިން ފުލުހުން ކުރަންފެށި މުހިއްމު މަސެއްކަތެއްކަން ފާހަގަކުރެއްވި އެވެ.

މިކޭމްޕްގެ ތެރެއިން ޒުވާނުންނަކީ ސިފަވަންތަ، ކެރިގެން ކަންކަމާ ކުރިމަތިލާ، ގާބިލް ބަޔަކަށް ހެދުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށާއި ފުލުހުން މާލެ އާއި އަތޮޅުތަކުގައި ޒުވާނުންނަށް އަމާޒްކޮށްގެން ހިންގާ ހަރަކާތްތަކުން އެދެވޭ ނަތީޖާއެއް ލިބެމުންދާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ އެންމެ ބޮޑު އުއްމީދަކީ ނުވަތަ ބޭނުމަކީ ގައުމުގައި ރައްކާތެރި އަމާން ވެށްޓެއް ގާއިމްވެފައި އޮތުން ކަމަށާއި މިކަން ހާސިލްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ޒުވާނުންނާއި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރަށް ވުރެ ބޮޑަށް ލިބުމަކީ ފުލުހުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ބްލޫސް ފޯ ޔޫތު ކޭމްޕްގެ ބައިވެރިންނާ އެކު ބޭއްވި މި ބައްދަލުވުމުގައި މި ކޭމްޕުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ފުލުހުންނާއި މުވައްޒަފުންނަށް ކޮމިޝަނާ ޝުކުރު އަދާކުރެއްވި އެވެ. އަދި މި ބައްދަލުވުމަށް ފަހު ކޮމިޝަނާ ވަނީ ކޭމްޕްގެ ބައިވެރިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.