އެންމެ ޗެމްޕިއަންސް ލީގަކުން ނުފުދޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.

ރޫނީގެ ފުޓްބޯޅަ ކެރިޔަރުގައި މިހާތަނަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2008 ވަނަ އަހަރު ކާމިޔާބުކުރި މުބާރާތެވެ. ޔުނައިޓެޑުން އެ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި ވާދަވެރި ޗެލްސީ އާއި ދެކޮޅަށް ވާދަ ކޮށްގެންނެވެ.

"ކޮންމެ ޓީމެއް ވެސް ބޭނުންވާނީ މޮޅުވާން." ރޫނީ ބުންޏެވެ. "ޗެމްޕިއަންސް ލީގުގެ އެންމެ މުބާާރާތެއް ކާމިޔާބު ކުރެވުމަކުން ނުފުދޭނެ. އަހަރެމެން ޖެހޭނީ ފައިނަލާއި ހަމައަށް ދަތުރު ކުރަން މަސައްކަތް ކުރުން. އެންމެ ތައްޓަކުން ހުއްޓާލާކަށް ބޭނުމެއް ނޫން. ކޮންމެ އަހަރަކު ވެސް ބޭނުން ވަނީ މޮޅުވާން. މިފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ކުރަން."

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅަ އަށް ޔުނައިޓެޑް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި މިރޭ ޑޭވިޑް މޮއެސްގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ ޔުނައިޓެޑް ނުކުންނާނީ ގްރީސްގެ އޮލިމްޕިއާކޮސް އާއި ދެކޮޅަށެވެ. މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މިރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ޖެހޭ ކަމުގައި ރޫނީ ބުނެފައިވެ އެވެ.

"މި މުބާރާތުގެ ދުރަށް ދަތުރު ކުރުމުގެ ފެންވަރު ޓީމުގައި އެބަހުރި." އުމުރުން 28 އަހަރުގެ ފޯވަޑް ބުންޏެވެ. "އެންމެ ބޮޑު އަމާޒަކީ އޮލިމްޕިއާކޮސް އަތުން މޮޅުވެ ކުރިއަށް ދިއުން."

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގެ ދެ މެޗެއް މިރޭ ކުރިއަށްދާ އިރު، ފުރަތަމަ މެޗުގައި ރަޝިޔާގެ ޒެނިތް އާއި ދެކޮޅަށް ޖަރުމަންގެ ބޮރޫސިއާ ޑޯޓްމުންޑް ނުކުންނާނީ މިރޭ ރާއްޖޭ ގަޑިން 10:00 ގައެވެ. އަދި ދެވަނަ މެޗުގައި އޮލިމްޕިއާކޮސް އާއި ދެކޮޅަށް ޔުނައިޓެޑް ނުކުންނާނީ މިރޭ 12:45 ގައެވެ