25 Feb 2014, 13:33
އާދިއްތަ ދުވަހު ބާސެލޯނާ ގައި އޮތް މޮބައިލް ވޯލްޑް ވަޔަލަސް ޝޯގައި ސެމްސަންގުން ވަނީ އެކުންފުނީގެ އައު ދެ ސްމާޓްވޮޗް ދައްކައިލައިފަ އެވެ. އަދި ހޯމަ ދުވަހުގެ ވަގުތެއްގައި ގެލެކްސީ އެސް ސީރީޒްގެ ފަހުގެ ސްމާޓްފޯނު ވެސް އިޢުލާން ކުރާނެއެވެ. ސެމްސަންގް ގިއަރ ސްމާޓްވޮޗަކީ ހާއްސަކޮށް ސެމްސަންގް ސްމާރޓްފޯނު ތަކާއި އެކު ބޭނުން ކުރުމަށް ތައްޔާރު ކުރެވުނު ގަޑީގެ ދެވަނަ ސިލްސިލާ އެވެ. އަދި މިފަހަރު މީހުން މިގަޑި ގަތުމަށް އާ ހިތްވަރެއް ދިނުމުގެ ގޮތުން އޭގެން ކުރެވޭ ބައެއް ކަންތައްތައް ވަނީ އިތުރުކޮށްފަ އެވެ.
އެންމެ ފުރަތަމަ ގެލެކްސީ ގިއަރ ސްމާރޓްވޮޗް މިދިޔައަހަރުގެ ސްޕްޓެމްބަރގައި ނެރުމުން އެއަށް ވަނީ މާބޮޑު މަޤުބޫލު ކަމެއް ނުލިބިފަ އެވެ. ގަޑިން މެސެޖް ކިޔާލުމަށް އެކަނި ސްމާރޓްވޮޗެއް ގަންނާކަށް ގިނަ މީހުން ބޭނުމެއް ނުވެ އެވެ. ފޯނުން ވެސް ކުރެވޭ ކަމެކެވެ. ނަމަވެސް ފިޓްބިޓް ވަނީ ކާމިޔާބު ހޯދާފަ އެވެ. ފިޓްބިޓަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ އެކި މައުލޫމާތު ލިއްބައިދޭ ވަޞީލަތެކެވެ. ގަޑިއެކެވެ.
އަލަށް ނުކުތް ސެމްސަންގް ގިއަރ 2 އަދި ގިއަރ 2 ނިއޯގައި ފިޓްބިޓްގެ ކުލަތައް ޖެހިފައިވެ އެވެ. އޭގައި ހިތުގެ ވިންދުގެ ބާރުމިން ބެލޭ ސެންސަރަކާއި ހިނގާ ދުރުމިން ބަލަން ޕެޑޮމީޓަރެއް ހިމެނިފައިވެ އެވެ. ކަސްރަތު ކުރެވޭ ވަރު، ނިދޭ މިންވަރު އަދި އެމީހަކު ކަންބޮޑުވެ ހާސްވާ މިންވަރު ވެސް ބެލޭނެ އެވެ. ކުރީގައި ކަމަރުގައި އިންނަ 2 މެގަޕިކްސެލްގެ ލޯ ރެޒަލޫޝަން ކެމެރާ މިހާރު އިންނަނީ ގަޑީގެ ބޮލުގަ އެވެ. ގިއަރ 2 ނިއޯގައި ކެމެރާއެއް ނުހުރެ އެވެ. ނަމަވެސް ގިއަރ 2 އަށްވުރެ ގިއަރ 2 ނިއޯގެ ޑިސްޕްލޭ ބޮޑުވެފައި ގަޑީގެ ބަރުދަން ލުޔެވެ.
ކުރީގެ ސެމްސަންގް ގިއަރގެ ސްމާޓްވޮޗުގައި ގަޑިންވާ އިރު އަބަދު ފެންނާކަށް ނުހުރެ އެވެ. ބެޓެރި ޗާރޖް ދާލެއް ލަސްކުރުމުގެ ގޮތުން އިރުކޮޅަކުން ޑިސްޕްލޭ ނިވެއެވެ. މިފަހަރުގެ ގަޑި މިގޮތުގައި ތަފާތު ވާނޭ ކަމެއް އަދި އެނގިފައެއް ނެތެވެ. ނަމަވެސް ކުރިން އެންމެ ދުވަހަކުން ޗާޖު ހުސްވާ ސްމާޓްވޮޗް މިހާރު ޗާޖުކުރަން ޖެހެނީ ދެތިން ދުވަހު ބޭނުންކުރުމަށް ފަހުއެވެ. އެންމެ ބޮޑު ތަފާތަކީ ބޭނުންކުރާ އޮޕަރޭޓިންގ ސިސްޓަމެވެ. އެންޑޮރޮއިޑްގެ ބަދަލުގައި ސެމްސަންގެ އަމިއްލަ އޯއެސް ޓިޒެންނެވެ. އެކުންފުނިން ވަނީ ކުރިން ޓިޒެން ގަޑިއެއް ނެރެފަ އެވެ.
ގޫގުލްއިން ވަނީ އެކި ކުންފުނިތަކަށް އެންޑްރޮއިޑް އޯއެސް އެކި ވަޞީލަތްތަކުގައި ބޭނުންކުރުމަށް ހުޅުވާލާފައެވެ. އެސިސްޓަމްގައި ގޫގުލް ސްޓޯރ ފަދަ ގޫގުލްގެ ހިދްމަތްތައް ވެއެވެ. ސެމްސަންގުން އެމީހުންގެ އަމިއްލަ ސްޓޯރތައް ވެސް ސެމްސަންގު ފޯނުތަކުގައި ހިމަނަ އެވެ. ހުރިހާ އެއްޗަކުން ވެސް ދޭއްޗެވެ. ބޮޑު އޮޅުންގަނޑަކަށް ވެގެން ވެސް ދެއެވެ. އެހެން ވަޞީލަތްތަކުގައި ވެސް އެންޑްރޮއިޑް ބޭނުންކޮށްފި ނަމަ ގޫގުލަށް މިފަދަ ބާރެއް ލިބޭނެތީ ސެމްސަންގުން ދަނީ ޓިޒެން އޯއެސް ކުރިއަރުވަމުންނެވެ. މިކަމަށް ސެމްސަންގް ގިއަރގެ ކާމިޔާބީ މުހިންމެވެ.
ކުރީގެ ސްމާޓް ގިއަރ ވިއްކާފައި ވަނީ 300 ޑޮލަރަށެވެ. ސޮނީގެ ސްމާޓްވޮޗަށް ވުރެ ދެގުނަ އަށް އަގުބޮޑެވެ. އަދި ސޮނީގެ ސްމާޓްވޮޗް ގިނަ އެންޑްރޮއިޑް ފޯނުތަކުގައި މަސައްކަތް ކުރާއިރު ސެމްސަންގް ގިއަރ މަސައްކަތް ކުރަނީ ސެމްސަންގްގެ ވެސް މަދު ފޯނެއްގަ އެވެ. އަދި އެއަށް އެޅޭ އެޕްތައް މަދުވެފައި އެޅޭ އެޕްތަކުގެ ބޭނުން ވެސް ރަނގަޅަކަށް ނުހިފެ އެވެ.