25 Feb 2014, 13:20
ހއ. ދިއްދޫ ޒުވާނުންތަކެއް އިސް ނަގައިގެން ހިންގާ "ހއ. ދިއްދޫ ރީތި ގޮފި" ޖަމިއްޔާ އިން އެ އަތޮޅު ހޮސްޕިޓަލަށް ޒަމާނީ ކިއު ސިސްޓަމެއް ހަދިޔާކޮށްފި އެވެ.
ދިއްދޫ ރީތި ގޮފި ޖަމިއްޔާ އިން އާންމު ކުރި ބަޔާނެއްގައި ބުނީ އެ ކިއު ސިސްޓަމް ހޮސްޕިޓަލާ ހަވާލުކޮށްފައި ވަނީ އިއްޔެ ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.
އެ ސިސްޓަމްގެ އަގަކީ 60،950 ރުފިޔާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
ދިއްދޫ ޒުވާނުންގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތް ކުރާ މެމްބަރުން ހިމެނޭ ގޮތަށް ހަދާފައިވާ އެ ޖަމިއްޔާ އިން ވަނީ މިހާތަނަށް ބޮޑަތި ހަރަދުތަކެއްކޮށް ދިއްދު އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެގޮތުން އެ ރަށު ޣާޒީ މުހައްމަދު ޕްރީސްކޫލުގައި ހިމެނޭ ހަތަރު ކްލާސްރޫމަށް ސޮނީ ބްރާވިއާ 42 އިންޗީގެ ހަތަރު ޓީވީ އާއި އެހެނިހެން އަގުބޮޑަތި ސާމާނުތަކެއް ވަނީ އެ ސްކޫލަށް ހަދިޔާކޮށްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އޭގެ އިތުރުން އެ ރަށުގެ ހަތަރު މިސްކިތެއް އެއްކޮށް ކުލަ ބަދަލުކޮށް މިސްކިތްތަކަށް ބޭނުންވާ އެކި އެކި ތަފާތު ސާމާނުތައް ވެސް ހަދިޔާ ކޮށްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އަދި އެ ތަކެތީގެ އަގާއި މިސްކިތްތަކުގައި ކުލަ ލުމުގެ އަގު 108،575 ރުފިޔާ އަށް އަރާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"ހއ. ދިއްދޫ ރީތި ގޮފި"ގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މަސައްކަތް ކުރާ ޒުވާނުން އެފަދަ ބޭނުންތެރި ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި ކުރިޔަށް އޮތްތާގައި ވެސް އެފަދަ ބޭނުންތެރި ކަންކަން ދިއްދު އަށް ކޮށްދޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.