އިޓާލިއަން ސެރީއާގެ ހަތްވަނާގައި ނުވަ ވަނާގައި އޮތް އޭސީ މިލާނަން ލީގުގެ ކުރިއަށް އަރައި އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތްތަކުގައި ވާދަ ކުރެވިދާނެ ކަމަށް އެކްލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަކާ ބުނެފި އެވެ.

އިޓަލީ ލީގުގެ ގަދަ ފަހަކަށް އެރުމުގެ ބަދަލުގައި މިހާރު މިލާނުން ރެލިގޭޝަނަށް ނުވެއްޓުމަށް މަސައްކަތް ކުރުން މުހިންމެވެ. މި ސީޒަންގެ ކުރީ ކޮޅުގައި މިލާންގެ ފަރާތުން ދަށް ކުޅުމެއް ފެނިފައިވީ ނަމަވެސް، ކްލެރަންސް ސީޑޯފްގެ ކޯޗުކަމުގެ ދަށުން އެޓީމް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗެއް ކާމިޔާބުކުރި އެވެ.

"ޔޫރަޕްގެ މުބާރާތްތަކުގައި މިލާނަށް ވާދަކުރެވިދާނެ ކަމަށް އަހަރެން ގަބޫލުކުރަން." މިލާންގެ ބްރެޒިލް މިޑްފީލްޑަރު ކަކާ ބުންޏެވެ. "މިހާރު ކަންތައްތައް ވަނީ ބަދަލުވެފައި. މިހާރު އަހަރެމެން ދައްކާ ކުޅުން ކުރިއަށް ގެންގޮސްފި ނަމަ، އޭގެ ނަތީޖާ ވެސް ރަނގަޅުވާނެ."

ހިލޭ ޓްރާންސްފާއެއްގެ ދަށުން މިދިޔަ މަހު ސީއެސްކޭއޭ މޮސްކޯ އިން މިލާނާއި ގުޅުނު ޖަޕާން މިޑްފީލްޑަރު ކެއިސޫކޭ ހޮންޑާ އަށް ޓީމަށް ހޭނުމަށް ވަގުތު ދޭން ޖެހޭ ކަމަށް ކަކާ ގަބޫލުކުރެ އެވެ. "ހޮންޑާ އަށް ވަގުތު ދޭން ޖެހޭ." ކަކާ ބުންޏެވެ. "އޭނާ އެ އައީ ރަޝިޔާގެ ފުޓްބޯޅައިގެ ތެރޭގައި އުޅެފައި، ރަޝިޔާގެ ފުޓްބޯޅަ އާއި އިޓަލީ ފުޓްބޯޅަ ވަރަށް ތަފާތު."

އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މިލާނަށް ހުރަސް އެޅިފައިވާ އިރު، އެޓީމަށް ދެން ޖެހޭނީ ޔޫރޮޕާ ލީގަށް ކޮލިފައިވުމުގެ މަސައްކަތް ކުރާށެވެ. ލީގުގެ ފަސްވަނާ ގައި އޮތް ސިޓީ ވާދަވެރިން އިންޓަ މިލާނާއި އޭސީ މިލާނާއި ދެމެދު އޮތީ ފަސް ޕޮއިންޓްގެ ތަފާތެކެވެ.