25 Feb 2014, 11:58
ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ލ. ވަޑިނޮޅުގައި ރިޒޯޓެއް ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ސައުދީ ނޫހެއް ކަމަށްވާ އަރަބް ނިއުސްއިން ބުނީ ވަޑިނޮޅުގައި ރިޒޯޓެއް ތަރައްގީކުރަން އެ ގައުމުގެ ދަ ބެސްޓް ޗޮއިސް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ނަމަކަށް ކިޔާ ކުންފުނިން 100 މިލިޔަން ޑޮލަރު ހަރަދުކުރާނެ ކަމަށެވެ. އަދި ބުނީ އެކުންފުނިން ވަޑިނޮޅު ތަރައްގީ ކުރާނީ އިކޯ- ފްރެންޑްލީ ނުވަތަ ތިމާވެށްޓާ ރަހުމަތްތެރި ފަސްތަރީގެ ރިޒޯޓެއްގެ ގޮތުގައި ކަމަށެވެ.
ވަޑިނޮޅުގައި ތަރައްގީކުރާ ރިޒޯޓްގައި 100 ބީޗްވިލާ އާއި ވޯޓަބަންގަލޯ އާއި ލަގްޒަރީ ސުއިޓް ހިމެނޭނެ ކަމަށް ވެސް ބެސްޓް ޗޮއިސް ކުންފުނިން ވަނީ ބުނެފަ އެވެ.
"... ބައިނަލް އަގުވާމީ ޓޫރިސްޓުންގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމަކަށް ވާތީ އިންވެސްޓް ކުރުމުގެ ވަރަށް ރަނގަޅު ފުރުސަތުތައް ރާއްޖޭގައި އެބައޮތް، ހާއްސަކޮށް ހޮސްޕިޓަލިޓީ ސެކްޓަރް އިން. އަހަރެމެންގެ މަގުސަދަކީ ރަނގަޅު ފެންވަރުގެ ވޯލްޑް ކްލާސް ރިޒޯޓެއްގެ ގޮތުގައި ވަޑިނޮޅު ތަރައްގީކޮށް، އާއިލީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުން،" ބެސްޓް ޗޮއިސް ރިއަލް އެސްޓޭޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު [ސީއީއޯ] މުހައްމަދު ރާބިހު އިތާނީ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.