ހޮރައިޒަން ފިޝަރީޒަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ދޭން ނިންމާފައިވާ 20 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ބޭނުންވާ "ނޯ އޮބްޖެކްޝަން ލެޓާ" ނުވަތަ އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން ހަތް ދުވަހުގެ ތެރޭގައި ހޮރައިޒަން އަށް ދިނުމަށް ސިވިލް ކޯޓުން ދިވެހި ސަރުކާރަށް އަމުރުކޮށްފި އެވެ.


ދައުލަތަށް ދައުވާ ލިބުނު މި މައްސަލައިގައި ހޮރައިޒަން ފިޝަރީޒްގެ ވަކީލު މުހައްމަދު ރަޝީދު ވިދާޅުވީ "ނޯ އޮބްޖެކްޝަން ލެޓާ" ހަތް ދުވަހުގެ ތެރޭގައި ދިނުމަށް ސަރުކާރުގެ މައްޗަށް މިއަދު ސިވިލް ކޯޓުން ހުކުމް ކުރީ ސަރުކާރާއެކު ފެބުރުއަރީ 10، 2010 ގައި ވެފައިވާ އެގްރިމެންޓްގެ އެމެންޑްމެންޓްގައިވާ މާއްދާތަކަށް ރިއާޔަތް ކުރައްވައިގެން ކަމަށެވެ.


މިއަދު ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު އިއްވެވި ހުކުމުގައި ބުނަނީ ފިޝަރީޒް މިނިސްޓްރީ އާއި ހޮރައިޒަންއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ އެއް ގޮތަށް އެ ކުންފުނިން ހިންގާ ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށްޓަކައި އެގެރިމެންޓްތަކުގައިވާ ގޮތުގެ މަތިން އެކުންފުންޏަށް ފައިސާ ހޯދުމަށްޓަކައި ބޭނުންވާ ހުއްދަ އާއި ލިޔުންތައް ދިނުމަކީ ފިޝަރީޒަށް އެގްރިމެންޓްތަކުގެ ދަށުން ލާޒިމުވެގެން ވާ ކަމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.


"... އިސްލާމިކް ޑިވެލޮޕްމެންޓް ފޯދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އިން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ 15 މިލިޔަން ޔޫއެސް ޑޮލަރު ހޯދުމަށްޓަކައި ލޯނު ސެކިއުރިޓީއެއްގެ ގޮތުގައި ކުރާ ރަހުނުތަކާމެދު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން 19 ޑިސެންމްބަރު 2010 މިދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީ އެންޑް އެގްރިކަލްޗަރަށް އަންގައި އަމުރުކޮށް މިގޮތުގެ މަތިން ހުކުމް ކޮށްފީމެ"ވެ. ހުކުމުގައި ވެއެވެ.


މީގެ އިތުރުން ހުކުމުގައި ބުނަނީ ސަރުކާރުން ދޭންޖެހޭ "ނޯ އޮބްޖެކްޝަން ލެޓާ" ނުވަތަ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހޮރައިޒަން އަށް ނުދީ ހިފަހައްޓާފައި ވަނީ އެފަދަ ލިޔުމެއް ނުދީ ހިފެހެއްޓިދާނެފަދަ ގާނޫނީ އެއްވެސް ސަބަބެއް އޮވެގެންކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދައުވާލިބޭ ދައުވާ ލިބުނު ދިވެހި ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.


ހޮރައިޒަންގެ ބޮޑު ހިއްސާ އޮންނަ ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ ލ. މާންދޫގައި ހުންނަ އޭނާގެ ކާރުހާނާ، ހޮރައިޒަން ފިޝަރީޒަށް އައިޑީބީން 20 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމި ނިންމުމަށް ސަރުކާރުން ދަތިކޮށް ހުރަސް އަޅައި "ނޯ އޮބްޖެކްޝަން ލެޓާ" ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. ހޮރައިޒަން އިން މަދަނީ ކޯޓަށް އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅީ އެހެން ވެގެނެވެ.


ކުރިން ގާސިމް ވިދާޅުވެފައި ވަނީ އައިޑީބީގެ ލޯން ޕްރޮސެސްގެ ހުރިހާ ކަމެއް ނިމި ސަރުކާރުގެ ސިޓީ ނުލިބިގެން ލޯނު ހަމަނުޖެހި އޮންނަތާ 10 މަސް ވެފައިވާ ކަމަށެވެ.


ނޯ އޮބްޖެކްޝަން ލެޓާގެ މައްސަލަ މިއަދު ކޯޓުން ނިންމި އިރު ހޮރައިޒަން ފިޝަރީޒް އައިޑީބީން ދޭން ނިންމި 20 މިލިއަން ޑޮލަރު (ދުއިސައްތަ ފަސްސާސް ހަތް މިލިއަން ރުފިޔާ)ގެ ލޯން އެގްރީމަންޓުގައި ސޮއިކޮށްފި ކަމަށް ބޭރުގެ މިޑިޔާތަކުން ވަނީ ބުނެފަ އެވެ.