25 Feb 2014, 10:33
އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ހޯމް ޔުނައިޓެޑާއި ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނަ އިރު، އެ ޓީމުގައި ރަނގަޅު ފޯވަޑް ލައިނެއް އެބައޮތް ކަމަށް އެ ކްލަބުގެ ކޯޗު އެންހެލް ގާސިއާ ޕެރޭޒް ބުނެފި އެވެ.
މިދިޔަ ސީޒަންގެ ނިއު ޓީމާއި މި ސީޒަން ޓީމާއި ބޮޑު ތަފާތުތަކެއް އެބަ ހުއްޓެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ނިއުގެ ފޯވަޑް ލައިނަށެވެ. މިދިޔަ ސީޒަންގައި ނިއު އަށް އެންމެ މުހިންމު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެކްލަބު ދޫކޮށް މެލޭޝިއާގެ ޕޮލިސް ކްލަބަށް ދިއުމުން އެ މަގާމް ފޫބައްދަށް ފޯވަޑް ލައިނަށް ބަދަލުތަކެއް ގެނެސްފައި ވެ އެވެ.
މިއަދު ހަވީރު 4:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ދާދި ފަހުން އެޓީމާއި ގުޅުނު ފޯވާޑް ޝަމްވީލް ގާސިމް (ބޮންޑާ) ބޭނުން ކުރާނީ ފޯވަޑަކަށް ކަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނެފައި ވެ އެވެ.
"އުމެއިރާއި އޮއްޕޮ އަދި ބޮންޑާއާ އެކު ރަނގަޅު ފޯވަޑް ލައިނެއް ނިއުގައި އެބަ އޮތް. މާދަމާގެ މެޗުގައި ވެސް އަހަރެން ބޮންޑާ ބޭނުން ކުރާނީ ފޯވަޑަކަށް. ބޮންޑާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރެން ވަރަށް ހިތްހަމަޖެހޭ ބޮންޑާއާ މެދު. މާދަމާގެ މެޗުގައި ބޮންޑާ އާއި އުމެއިރު ކުރިއަށް ކުޅޭނީ،" ޕެރޭޒް ބުންޏެވެ.
ޕެރޭޒް އިތުރަށް ބުނީ، ހޯމް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. "މި މެޗުން އަހަރެމެންނަށް ތިން ޕޮއިންޓް ލިބޭނެ ކަމަށް އުންމީދުކުރަން،" ގާސިއާ ބުންޏެވެ. "މި މެޗަށް ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ތައްޔާރަށް."
ހޯމް ޔުނައިޓެޑާއި ނިއު ވަނީ މީގެ ކުރިން އޭއެފްސީ ކަޕްގައި ހަތަރު ފަހަރު ވާދަކޮށްފަ އެވެ. ނިއު އިން ވަނީ 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު އޭއެފްސީ ކަޕްގައި ހޯމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އެ ދެ އަހަރު ރަށުން ބޭރުގައި ނިއު ވަނީ ހޯމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.
މިމުބާރާތުގެ ގްރޫޕް އެފްގައި ރާއްޖެ އިން ދެން ވާދަކުރާ މާޒިޔާ ވިއެޓްނާމު ގައި މިއަދު ހަވީރު 5:00 ގައި ބައްދަލުކުރާނީ އެގައުމުގެ ހެނޯއީ ޓީއެންޑްޓީއާ ދެކޮޅަށެވެ.