އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ހޯމް ޔުނައިޓެޑާއި ދެކޮޅަށް ނިއު ރޭޑިއަންޓް މިއަދު ހަވީރު ކުޅޭ މެޗަށް އޮތީ ތައްޔާރަށް ކަމަށް އެކްލަބުގެ ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

މިސީޒަނަށް ނިއު އިން ކުރިމަތިލި އިރު، ޓީމަށް ގިނަ ބަދަލުތަކެއް އައިސްފައިވެ އެވެ. އެގޮތުން މިދިޔަ ސީޒަންގައި ނިއު އަށް އެންމެ މުހިންމު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެކްލަބު ދޫކޮށް މެލޭޝިއާގެ ޕޮލިސް ކްލަބަށް ދިއުމުން އެ މަގާމް ފޫބައްދަށާއި ޓީމް ވަރުގަދަ ކުރުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. މި ބަދަލުތަކާ އެކު ނުކުންނަ މި މެޗަކީ މުހިންމު މެޗައް ކަމަށް އިމްރާން ބުނެފައިވެ އެވެ.

"މިހާރު މި ޓީމު މިދިޔަ އަހަރާ ވަރަށް ތަފާތު. އަސްލު ޓީމްގެ ފެންވަރު އެނގޭނީ ވާދަވެރި މެޗެއް ކުޅެލައިގެން. ޓްރޭނިންގް ކޭމްޕްގައި ޓީމުން ރަނގަޅު ކަންތައްތަކެއް ފެނުނު." އިމްރާން ބުންޏެވެ. "ވާދަވެރި މެޗުތަކެއް ނުކުޅެވުނީމާ މައްސަލަތަކެއް އަންނާނެ. ހޯމްގައި ކުޅޭ މެޗުތަކަކީ ވަރަށް މުހިންމު މެޗުތަކެއް."

މިއަދު ހަވީރު 4:00ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗުގައި ނިއު އަށް ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވާނެ ކަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ބުނެފައިވެ އެވެ. "ގަލޮޅު ދަނޑުގައި ކުޅޭ މި މެޗަކީ ވަރަށް މުހިންމު މެޗެއް." އިމްރާން ބުންޏެވެ. "މި މެޗުގައި އަހަރެމެންނަށް ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވޭ. އެއީ ގަލޮޅު ދަނޑުގައި ނަތީޖާއެއް ނެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ބަޔަކީ ސަޕޯޓަރުން. އެހެންވީމާ ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގަތުމަކީ ކްލަބާއި ކުޅުންތެރިންގެ ވަރަށް ބޮޑު އެދުމެއް."

ހޯމް ޔުނައިޓެޑާއި ނިއު ވަނީ މީގެ ކުރިން އޭއެފްސީ ކަޕްގައި ހަތަރު ފަހަރު ވާދަކޮށްފަ އެވެ. ނިއު އިން 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު އޭއެފްސީ ކަޕްގައި ހޯމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން މޮޅުވެފައިވާ އިރު، އެ ދެ އަހަރު ރަށުން ބޭރުގައި ނިއު ވަނީ ހޯމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.

މިމުބާރާތުގެ ގްރޫޕް އެފްގައި ރާއްޖެ އިން ދެން ވާދަކުރާ މާޒިޔާ ވިއެޓްނާމު ގައި މިއަދު ހަވީރު 5:00ގައި ބައްދަލުކުރާނީ އެގައުމުގެ ހެނޯއީ ޓީއެންޑްޓީއާ ދެކޮޅަށެވެ.