25 Feb 2014, 10:09
އެމްއެންޑީއެފާއި ކީރިތި ގްރުއާނާ ބެހޭ މަރުކަޒު ގުޅިގެން ހިންގާ ގާރީ ކޯސް ސެޓްފިކެޓް ލެވެލް 2 ރޭ ފަށައިފި އެވެ.
މިކޯސް ފެށުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ވާހަކަ ދައްކަމުން ކާނަލް މުޙައްމަދު ޝާހިދު ވިދާޅުވީ ރީތިކޮށް ގްރުއާން ކިޔަވާ މީހުން މިމުއައްސަސާގައި މަދުކަމަށާއި މިފަންނު ކުރިއަރުވާ ތަރައްގީ ކުރާކަމުގައި ވަނީ ނަމަ މުޅި މުއައްސަސާއަށާއި ގައުމަށް ވެސް ބޮޑެތި ފައިދާތައް ކުރާނެ ކަމަށެވެ. އަދި ސްކޫލުތަކާއި އެހެނިހެން އޮފީސްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ދިނުމުގައި ސިފައިންގެ ތެރޭގައިތިބި އެކި ފަންނުގެ، ގާބިލު މީހުންގެ އެހީތެރިކަން އެކި ގޮތްގޮތުން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ، ރީތިކޮށް ގުރުއާން ކިޔަވަން ދަސްކުރުމަކީ މީހަކަށް ކޮށްދޭ ކަމެއް ނޫން ކަމަށާއި މިކަމަކީ އަމިއްލަ ނަފްސަށް ބޭނުންވެގެން ކުރާހިތުން ކުރާ ކަމެއް ކަމަށެވެ.
މިމަހު 24 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގައި ޖުމްލަ 12 ސިފައިން ބައިވެރިވެފައިވެ އެވެ. ސިފައިންނަށް އަމާޒުކޮށްގެން ހިންގާ މިކޯހުގައި ކިޔަވާދެއްވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ޤާރީންގެ އިތުރުން ސިފައިންގެ ޤާރީއެއް ކަމުގައިވާ މުހައްމަދު އަސްލަމެވެ.
އެ ރަސްމިއްޔާތުގައި ޑިފެންސް އިންސްޓްޓިއުޓް ފޯރ ޓްރޭނިންގް އެންޑް އެޑިއުކޭޝަންގެ ކޮމާންޑިންގް އޮފިސަރު މޭޖަރު އަޙްމަދު ޝަރީފާއި ކޮމާންޑިންގް އޮފިސާގެ އެހީތެރިޔާ ކެޕްޓަން އިބްރާހީމް އަޝްރަފްގެ އިތުރުން ކޯހުގެ ދަރިވަރުން ބައިވެރިވެފަ އެވެ.
މިއީ އެމްއެންޑީއެފާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ކޯހެކެވެ. މިގޮތުން މިދިޔަ އަހަރު ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ގެ ކޯހެއް ވަނީ އެމްއެންޑީއެފްގައި މަސައްކަތްކުރާ ސިފައިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފަ އެވެ.