25 Feb 2014, 09:54
ރާއްޖޭގައި މިހާރު މި އޮތް ސަރުކާރަކީ އިސްލާމްދީނުގެ އެއްވެސް ޝިޔާރަކަށް އިހާނެތިކޮށް ކަމެއް މެދުވެރިކުރާނެ ސަރުކާރެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކުރަމުންދާތީ، އެ މައްސަލަ އަކީ ހުއްޓުވަން ޖެހޭ މައްސަލައެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ ދަނޑިވަޅެއްގައި، އިސްލާމިކް މިނިސްޓްރީގައި އިއްޔެ އޮތް ޕްރެސް ކޮންފަރެންސެއްގައި ޝަހީމް ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ކަމެއްގައި އޮންނަ އުސޫލެއްގެ ބޭރުން އެއްވެސް ފިޔަވަޅެއް ސަރުކާރަކުން ނާޅާނެ ކަމަށެވެ.
"ބައެއް މީޑިއާތަކުން ވާހަކަ ފެތުރިގެން ދިޔަ އެ މިސްކިތް ތަޅާލަފާނެއޭ. ނޫނިއްޔާމު ގެއްލުމެއް ދީފާނެޔޭ. ނޫނިއްޔާމު ނަމާދަށް ތިއްބާ ބަޔަކު ހައްޔަރުކޮށްގެން ގެންގޮއްސާނެޔޭ. އަޅުގަނޑު ދަންނަވާނީ މިހާރު ރާއްޖޭގައި ގާއިމުވެފައި މިއޮތް ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އިސްލާމްދީންގެ އެއްވެސް ޝިޔާރަކަށް އިހާނެތިކޮށް ކަމެއް މެދުވެރިއެއް ނުކުރައްވާނެޔޭ. މިސްކިތެއް ނުތަޅުއްވާނެޔޭ. އަދި ނުހައްގުން އެއްވެސް މީހަކަށް އަނިޔާއެއް ނުދެއްވާނެޔޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ދީނީ ހިޔާލު ތަފާތުވުންތައް އަބަދުވެސް ހައްލުކުރަންވާނީ މަޝްވަރާގެ ތެރެއިން ކަމަށާއި އެކަމަށް ހުރިހާ ބޭފުޅުން ވެސް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ ކުދިން ކައިރީގައި އަޅުނގަޑު ދަންނަވާލަން ބޭނުންވަނީ، އަޅުނގަޑުމެންނާ ހަމައަށް ވަޑައިގަންނަވާށޭ. ވަޑައިގެން މަޝްވަރާ ކުރައްވަން ހިންގަވާށޭ. އިށީނދެލައިގެން ދީނީ މައުލޫމާތު އެއްބަޔަކު އަނެއްބަޔަކު މުރާޖާކޮށްގެން ހައްލު ނުކުރެވޭނެ ކަމެއް ނޯންނާނެ." ޝަހީމް ވިދާޅުވި އެވެ.
ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދާތީ އެކަން ހުއްޓުވުމުގެ ގޮތުން ދަރުމަވަންތަ މިސްކިތް ބަންދުކުރީ މިމަހުގެ 14 ވީ ހުކުރު ދުވަހުގެ ފަތިސް ނަމާދަށްފަހުގަ އެވެ. ނަމަވެސް އަމިއްލަ ހުތުބާއެއް ހަދައިގެން، ސަރުކާރުގެ ބާރުވެރިކަން ނެތި ކުރުމަށް އެދި އެދުވަހުގެ ހުކުރު ނަމާދުގަ އާއި މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ހުތުބާގައި ވެސް އެ މިސްކިތުގައި ވަނީ ދުއާކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ އެ ފަރާތުން ކުރި އިއުލާނަށް ތަބާނުވުމުން ދެން އެ މައްސަލަ ހައްލުކުރަން ޖެހޭނީ ފުލުހުން ކަމަށެވެ.
އެގޮތުން ހޯމް މިނިސްޓްރީން ވަނީ ވަކިން ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކުރުމުން ދާތީ، އެކަން ހުއްޓުވޭނެ ގޮތަކާ މެދު އިސްލާމިކް މިނިސްޓްރީ އާ އެކުގައި މަޝްވަރާ ކުރަމުން ގެންދާ ކަމަށް ބުނެފަ އެވެ.