ދާދި ފަހުން އަނިޔާ އިން ސަލާމަތްވި ބްރެޒިލްގެ ފުލިމިނެންސީ ފޯވާޑް ފްރެޑް، ސައުތު އެފްރިކާ އާއި ދެކޮޅަށް ބްރެޒިލް ކުޅޭ އެކުވެރިކަމުގެ މެޗުގެ ސްކޮޑަށް ނަގައިފި އެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ޖޮހަނަސްބާގްގައި ކުޅޭ އެކުވެރިކަމުގެ މެޗަށް މިދިޔަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕުން ވިދާލި ފްރެޑް ސްކޮޑްގައި މި ހިމެނިގެން ދިޔައީ ދުވަސްތަކަކަށް ފަހު އެވެ. އެންމެ ފަހުން ބްރެޒިލް ގައުމީ ޓީމަށް ފްރެޑް ކުޅުނީ ސްވިޒަލޭންޑް އަތުން 1-0 ލަނޑުން ބަލިވި މެޗުގަ އެވެ.

ކޮންފެޑަރޭޝަންސް ކަޕްގައި ފަސް ލަނޑު ކާމިޔާބުކުރި ފްރެޑް އާ އެކު ބްރެޒިލް ގައުމީ ޓީމް ކޯޗު ލުއިސް ފެލިޕޭ ސްކޮލާރީ ނެގި ސްކޮޑްގައި މިފަހަރު ބޮޓަފޮގޯ ގޯލްކީޕަރު ޖެފަސަން އަދި އެތްލެޓިކޯ މިނޭރޯ ފޯވާޑް ޖޯ ވެސް ހިމަނާފައިވެ އެވެ.

ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނަށް ބަލާ އިރު، އޭސީ މިލާންގެ ރޮބީނިއޯ އާއި ކަކާ އަދި ލިވަޕޫލްގެ ފިލިޕް ކޫޓީނިއޯ ސްކޮޑުން ބާކީ ކޮށްފައިވާ އިރު، މެންޗެސްޓާ ސިޓީގެ ފެނާންޑީނިއޯ އަދި ބަޔާން މިއުނިކްގެ ރަފީނިއާ ހިމަނާފައިވެ އެވެ.

ސައުތް އެފްރިކާ އާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ބްރެޒިލް ސްކޮޑް:

ގޯލްކީޕަރުން: ޖޫލިއޯ ސީސާ (ކިޔުޕީއާރު)، ޖެފަސަން (ބޮޓަފޮގޯ)

ޑިފެންޑަރުން: ތިއާގޯ ސިލްވާ (ޕީއެސްޖީ)، ޑޭވިޑް ލުއިޒް (ޗެލްސީ)، ޑަންޓެ (ބަޔާން މިއުނިކް)، ޑެނިއަލް އަލްވޭސް (ބާސެލޯނާ)، ރަފީނިއާ (ބަޔާން މިއުނިކް)، މާސެލޯ (ރެއާލް މެޑްރިޑް)

މިޑްފީލްޑަރުން: ލުއިސް ގުސްޓާވޯ (ވުލްފްސްބާގް)، ފެނާންޑީނިއޯ (މެންޗެސްޓާ ސިޓީ)، ޕައުލީނިއޯ (ޓޮޓެންހަމް)، ރަމިރޭސް، އޮސްކާ، ވިލިއަން (ޗެލްސީ)

ފޯވާޑުން: ނޭމާ (ބާސެލޯނާ)، ބާނާޑް (ޝާހްތަރު ޑޮނެސްކް)، ހަލްކް (ޒެނިތް)، ފްރެޑް (ފްލުމިނޭންސީ)، ޖޯ (އެތްލެޓިކޯ މިނޭރޯ)