19 Dec 2010, 11:31
ވައިގެ މަގުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ރެކޯޑު އަދަދަކަށް އަރާފައިވާ އިރު ކަނޑުމަގުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު 40 ޕަސަންޓް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުން ނޮވެންބަރު މަހާއި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުން ނޮވެމްބަރު މަހާ އަޅާބަލާ އިރު ވައިގެ މަގުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 21.6 ޕަސަންޓް އިތުރުވެފައިވާ އިރު ކަނޑުމަގުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 40.6 ޕަސަންޓް ދަށަށް ގޮސްފަ އެވެ. އަދި ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު ވެސް ވަނީ 0.4 ޕަސަންޓު ދަށަށް ގޮސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ރާއްޖެ އަށް ކަނޑުމަގުން ޓޫރިސްޓުން އައިސްފައި ވަނީ ހަމައެކަނި ފެބުރުއަރީ މަހު އެކަންޏެވެ. އެއީ 534 ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކަނޑުމަގުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުގައި ބޭރުގެ ބޮޑެތި ސަފާރީ އުޅަނދުތަކުން ނަގާ ފީ ބޮޑު ކުރުމަކީ ކަނޑުމަގުން އަންނަ މީހުންގެ އަދަދު ދަށްވުމަށް މެދުވެރިވެދާނެ ކަމެކެވެ.
އެ ގައިވައިދަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި އުޅަނދުގެ ދިގުމިނަށް ބަލައި ދުވަހު ފީއެއް ދައްކަން ޖެހެ އެވެ. އެގޮތުން ދައްކަން ޖެހޭ ފީގެ އަގު 25 ޑޮލަރުން ފެށިގެން 600 ޑޮލަރާ ދެމެދުގައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އަހަރު ދިވެހި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ޗައިނާ އިން ރާއްޖެ އަށް 112،461 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ރާއްޖެ އައި މީހުންގެ 15.7 ޕަސަންޓެވެ.
ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 14.7 ޕަސަންޓެވެ. އެއީ 105،200 ޓޫރިސްޓުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން އައިސްފައި ވަނީ އިޓަލީވިލާތުންނެވެ. އެ ގައުމުން 11.1 ޕަސެންޓް ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އެއީ 79،759 ޓޫރިސްޓުންނެވެ.
ރާއްޖެ އަށް އެންމެ މަދުން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ފިންލޭންޑް، އިޒްރޭލް، ބްރެޒިލް ފަދަ ގައުމުތައް ހިމެނެ އެވެ.
މިއަހަރު އިޒްރޭލުން ރާއްޖެ އަށް ޒިޔާރަކޮށްފައި ވަނީ 1،937 ޓޫރިސްޓުންނެވެ. އެއީ ދިވެހި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން އެންމެ 0.3 ޕަސަންޓެވެ.
ރާއްޖެ އަށް ޖުމްލަކޮށް ދުވާލެއްގެ މައްޗަށް 2،000 އަށްވުރެ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ.
މި އަހަރުގެ ތެރޭގައި ރާއްޖެ އަށް 750000 ޓޫރިސްޓުން އައިސްފައިވާ ކަން ވަނީ ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފަ އެވެ.