ވޮޝިންޓަން (ފެބްރުއަރީ 25) : އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމުގެ ޕްލޭނެއް ޕެންޓަގަންއިން އިޢްލާންކޮށްފިއެވެ. މިކަން އިޢްލާން ކުރައްވަމުން އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހަގްލް ވިދާޅުވީ މިޕްލޭން ބިނާވެފައި ވަނީ އެމެރިކާގެ ލަޝްކަރުތަކުގައި ހިމެނޭ ސިފައިންގެ އަދަދު ހަތަރުލައްކަ ސާޅީސް ހާހަށް މަދުކޮށް އެމެރިކާގެ ޢަސްކަރީ ޚަރަދުތައް ކުޑަކުރުމުގެ މައްޗަށެވެ.

މިއީ އެމެރިކާގެ ދިފާއީ ޚަރަދުތައް ކުޑަކުރުމުގެ މާސްޓާ ޕްލޭންގެ ދަށުން އެކުލަވަލާފައިވާ ޚާއްސަ ޕްލޭނެއް ކަމަށާއި މިޕްލޭންގެ ދަށުން އެމެރިކާގެ ވައިގެ ސިފައިންގެ ޔުނިޓެއް އެއްކޮށް އުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހަގްލް ވިދާޅުވި އެވެ. ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށް ފަހު އެމެރިކާ ސިފައިންގެ އަދަދު ވަނީ ފަސްލައްކަ ހަތްދިހަ ހާހަށް އިތުރުކޮށްފައިވާ އިރު މިޕްލޭންގެ ދަށުން އެމެރިކާ ސިފައިންގެ އަދަދު ހަތަރު ލައްކަ ސާޅީސް ހާހަށް މަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ އަދަދު މަދުކުރި ނަމަވެސް އެމެރިކާ ސިފައިން ޓެކްނޮލޮޖީއާއި ޒަމާނީ ހަތިޔާރުގެ މައްޗަށް ބަރޯސާކުރާ މިންވަރު އިތުރުކުރުމާ އެކު ސިފައިންގެ ގާބިލްކަމާއި ފެންވަރު މަތިކުރުން މިޕްލޭންގައި ހިމެނެ އެވެ.
ދިފާޢީ ޚަރަދުތައް ކުޑަކުރުމަށް އެމެރިކާއަށް މަޖްބޫރުވެފައި ވަނީ ޢިރާގާއި އަފްޣާނިސްތާނަށް އަރައިގަނެ ދިގު މުއްދަތަކަށް ހަނގުރާމަކުރުމުގެ ސަބަބުން އެމެރިކާގެ އިގްސާދު ހީނަރުވެގެން ދިޔުމުގެ ސަބަބުންނެވެ. އެމެރިކާ ސިފައިން ވަނީ އަފްޣާނިސްތާނުގެ ތާލިބާނުންނާއި ޢިރާޤުގެ ސުންނީ ހަނގުރާމަވެރިންގެ ކުރިމަތީގައިއިނދަޖެހިފަ އެވެ. ދިފާޢީ ޚަރަދުތައް ކުޑަކުރުމަށް އެމެރިކާ އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ދަށުން 2011 ވަނައަހަރު އެމެރިކާ ސިފައިން އިރާގުން ބޭލުމާއި މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން އެމެރިކާ ސިފައިންނަށް ދޭ އެލަވަންސްތަކާއި ބައެއް އިނާޔަތްތައް މަދުކުރުމާއި ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާ ބިނާކޮށްފައިވާ ޢަސްކަރީ މަރުޒަރުތަކުގެ އަދަދު މަދުކޮށް ގައުމުން ބޭރުގައި އެމެރިކާ ހިންގާ ޢަސްކަރީ އޮޕަރޭޝަންތައް މަދުކުރުން ވެސް ދިފާއީ ޚަރަދުތައް ކުޑަކުރުމުގެ މާސްޓަރ ޕްލޭންގައި ހިމެނޭ ކަމަށް ވެ އެވެ.
ޕެންޓަގަންގެ މަސްއޫލުވެރިން ހާމަކުރާގޮތުގައި ދިފާޢީ ޚަރަދުތައް ކުޑަކުރުމަކީ އެމެރިކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހަގީގަތްތަކާ އެއްގޮތަށް ކުރެވޭ ކަމެއްކަމަށާއި އެމެރިކާ އަށް ކުރިމަތިވެފައިވާ އަސްކަރީ ގޮންޖެހުންތަކާ މެދު އަޅާނުލައި އެމެރިކާ ނޯންނާނެ އެވެ. ދިފާއީ ޚަރަދުތައް ކުޑަކުރުމާއި ސިފައިންގެ އަދަދު މަދުކުރުމަކީ އެމެރިކާ ސިފައިންގެ ކޮމާންޑަރުންނާއި އިސް ޖެނެރަލުން ދެކޮޅު ހައްދަވާނެ ކަމެއް ކަމަށް ވިޔަސް މިކަން ކުރުން ނޫންގޮތެއް އެމެރިކާ އަށް މިހާރު ނެތްކަމަށް ޕެންޓަގަންގެ މަސްއޫލުވެރިން ވިދާޅުވެ އެވެ. (ރޮއިޓާސް)