ގާހިރާ (ފެބްރުއަރީ 25) : މިޞްރުގެ ވަގުތީ ބޮޑުވަޒީރު ހާޒިމް އަލްބިބްލާވީ އާއި އޭނާގެ ކެބިނެޓްވަރަށް ކުއްލި ގޮތަކަށް އިއްޔެ އިސްތިއުފާ ދެއްވީ އަންނަ މާޗް މަހު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެގައުމުގެ ދިފާއީ ވަޒީރު އަދި ސިފައިންގެ ވެރިޔާ މާޝަލް އަބްދުލްފައްތާޙް އައްސީސީ ކުރިމަތިލެއްވުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ޚަބަރުލިބިއްޖެ އެވެ.

މިސްރުގެ ރަސްމީ ދާއިރާތަކާ ޙަވާލާދީ ގާހިރާގައި ޝާއިއުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ބިބްލާވީއާއި އޭނާގެ ސަރުކާރު އިސްތިއުފާދެއްވީ އަބްދުލްފައްތާޙް އައްސީސީ އާ ނުލައި މިސްރުގައި އައު ސަރުކާރެއް އެކުލަވާލުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. މިސްރުގެ އިންގިލާބީ ވެރިޔާގެ ގޮތުގައި ސިފަކުރެވޭ އަބްދުލްފައްތާޙް އައްސީސީ ވަނީ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވާނެ ކަމުގެ އެތައް އިޝާތރާތެއް ދެއްވާފަ އެވެ. އަދި މިސްރުގެ ވެރިކަމަށް ނުފޫޒުފޯރުވާ އެގައުމުގެ ސިފައިންގެ މުއައްސަސާ އިން ވެސް ވަނީ މިކަމަށް ތާއީދުކުރާކަން ފާޅުގައި ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

ކުރިން ބިބްލާވީގެ ސަރުކާރުން ރާވާފައި ވަނީ ދިފާޢީ ވަޒީރުކަމުން ސީސީ އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މިހާރުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ސިދްގީ ސުބްހީ ދިފާޢީ ވަޒީރުކަމަށް އައްޔަންކުރުމަށް ކަމަށާއި ނަމަވެސް ފަހުން ނިންމީ ބިބްލާވީ އާއި އޭނާގެ މުޅި ކެބިނެޓް އިސްތިއުފާ ދެއްވުމަށް ކަމަށް ވެސް މިރިޕޯޓްތައް ބުނެ އެވެ. ބިބްލާވީ އާއި އޭނާގެ ކެބިނެޓް ވަރަށް ކުއްލި ގޮތަކަށް އިއްޔެ އިސްތިއުފާ ދެއްވާފައިވާ އިރު އެކަމުގެ ފަހަތުގައިވާ ސަބަބުތައް މިހާރުގެ ހާލަތު ހުރިގޮތުން އިޢާލާން ނުކުރެވޭނެ ކަމަށް ބިބްލާވީ ވިދާޅުވެފައިވެ އެވެ.

މިސްރުގެ ވަގުތީ ރައީސް އަދްލީ މަންސޫރު ވަނީ ހާޒިމް އަލްބިބްލާވީ އާއި އޭނާގެ ސަރުކާރުގެ އިސްތިޢުފާ ގަބޫލުކުރައްވާފަ އެވެ. މިސްރުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޮޑުވަޒީރު ހާޒިމް އަލްބިބްލާވީ އާއި އޭނާގެ ސަރުކާރުން ހުށަހެޅި އިސްތިއުފާ ރައީސް އަދްލީ މަންސޫރު ގަބޫލުކުރައްވައިފި ކަމަށާ އަދި މިސްރަށް ކުރިމަތިވި ވަރަށް ދަތި އަދި އުނދަނގޫ ދުވަސްވަރެއްގައި ސަރުކާރު ހިންގުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާފައި ވާތީ ބިބްލާވީއާއި އޭނާގެ ކެބިނެޓްގެ ވަޒީރުންނަށް ރައީސް މަންސޫރު ޝުކުރު އަދާކުރައްވާ ކަމުގަ އެވެ.

ހާޒިމް އަލްބިބްލާވީއަކީ މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ޢަސްކަރީ އިންގިލާބަކުން މިދިޔަ އަހަރުގެ ޖުލައި މަހުވައްޓާލުމަށް ފަހު ސިފައިންގެ ބެލުމުގެ ދަށުން މިޞްރުގައި އުފެއްދި ވަގުތީ ސަރުކާރުގެ ބޮޑުވަޒީރެވެ. މިސްރުގައި އަލަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ސަރުކާރުގެ ބޮޑުވަޒީރުކަމަށް ރައީސް ޢަދްލީ މަންސޫރު ޢައްޔަން ކުރައްވަން ގަސްދު ކުރައްވާފައި ވަނީ ބިބްލާވީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހީމް މަޙްލަބް ކަމަށް މަޢްލޫމާތު ލިބެ އެވެ. (އަލްޖަޒީރާ)