ކ. މާފުށީ ޖަލުގެ ގޮޅިއެއްގެ ތެރޭގައި ގައިދީންތަކެއް ހިންގި މާރާމާރީއެއްގައި، އޭގެތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ މަފުށީ ޖަލުގެ ޔުނިޓް ހަތަރެއްގަ އެވެ. އެ މާރާމާރީ ހިންގަން މެދުވެރިވެފައިވަނީ ގައިދީންތަކެއްގެ މެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގައި ޒަހަމްވި މީހާ މާލެ ގެނެސްފައި ވަނީ މިރޭ ގާތްގަނޑަކަށް 9:10 އެހާކަންހާއިރު ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މާފުށީ ޖަލުގައި މިރޭ ހިންގި މާރާމާރީގައި ޒަހަމްވެފައިވަނީ މ. ދޯދިލްގޭ، އިބްރާހިމް އާޒަރަށެވެ.

މާރާމާރީގައި ޒަހަމްވި އާޒަރުގެ ބޭބެއަކު އައިޖީއެމްގައި ހުރެގެން "ސަން" އަށް ބުނީ އޭނާގެ ކޮއްކޮގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެމެޖެންސީ ރޫމުން ނެރެގެން އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"އިމެޖެންސީ ރޫމުން ނެރެގެން އޮޕަރޭޝަން ތިއޭޓަރަށްވެއްދި އިރުވެސް ބޮލުން ހޯސްލާފައި ލޭފައިބާ. އަދި ބޮލުގައި އަޅާފައި އޮތް ފޮތިގަނޑު އޮތީ ލެއިން ތަތް ތެޅިފައި،" އޭނާ ބުންޏެވެ.

މާފުށީ ޖަލުގައި ހިންގި މާރާމާރީގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު އެ ޖަލުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.