މުޅި ދުނިޔޭގައި މަޝްހޫރުކަން ހޯދި ފިލްމް "އެވެޓާ" ގެ ލީޑް ރޯލް ކުޅުނު އެކްޓަރު ސޭމް ވޯތިންގްޓަން އިއްޔެ ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ނިއު ޔޯކް ސިޓީގެ ފުލުހުން، މަޝްހޫރު އެކްޓަރު ވޯތިންގްޓަން ހައްޔަރުކުރީ ފޮޓޯގްރާފަރު ޝެން ލީ އަށް ހަމަލާ ދިނުމުން ކަމަށް ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓުގެ ޑިޓެކްޓިވް ކެލްޔަން އޯޓް ބުނެފައި ވެއެވެ. ލީ އަށް ވޯތިންގްޓަން ހަމަލާދިނީ ވޯތިންގްޓަން އާއެކު ހުރި 26 އަހަރުގެ އަންހެނެއްގެ ފަޔަށް ހަމަލާ ދިނުމުންނެވެ. ވޯތިންގްޓަން އާއެކު ހުރި އަންހެން މީހާގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފޮޓޯގްރާފަރު ލީ އަކީ މެންހޭޓަންގައި ދިރިއުޅެމުންދާ 37 އަހަރުގެ މީހެކެވެ. އޯޓް ބުނި ގޮތުގައި، އޭނާ އަތުގައި ނޫސްވެރިކަމުގެ ހުއްދައެއް ނޯވެއެވެ. އިއްޔެ ހިނގައިދިޔަ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އިނގިރޭސި ވިލާތަށް އުފަންވި ނަމަވެސް ވޯތިންގްޓަން ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ އޮސްޓްރޭލިއާގަ އެވެ. އޮސްޓްރޭލިއާގައި އެކްޓިންގް ކެރިޔަރު ފަށައިގަތް ވޯތިންގްޓަން ވަނީ ހޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމެއް ކުޅެފަ އެވެ. 2009 ވަނަ އަހަރު ނުކުތް އެވެޓާގެ އިތުރުން "ޓާމިނޭޓާ ސެލްވޭޝަން"، "ކްލޭޝް އޮފް ދަ ޓައިޓަންސް" އަދި "މޭން އޮން އަ ލެޖާ" އިން ވެސް ވޯތިންގްޓަން މަޝްހޫރުކަން ހޯދާފައި ވެއެވެ.