24 Feb 2014, 21:54
ކިޔޭވް (ފެބްރުއަރީ 24) : ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ގެނައި މަދަނީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ އެގައުމުގެ ކުރީގެ ރައީސް ވިކްޓާ ޔަނަކޮވިޗް ހައްޔަރު ކުރުމުގެ އަމުރެއް އެގައުމުގެ ވަގުތީ ސަރުކާރުން ނެރެފި އެވެ.
އިދިކޮޅު ލީޑަރުން އެކުލަވާލާފައިވާ ޔުކްރޭންގެ ވަގުތީ ސަރުކާރުގެ ދާޚިލީ ވަޒީރު ކަމަށް އައްޔަންކޮށްފައިވާ އަރްސީން އަފަކޯފް ވިދާޅުވީ ޔަނކޮވިޗް އާއި އޭނާގެ ސަރުކާރުގެ މަސްއޫލުވެރިންނަކީ މުޒާހަރާކުރި ރައްޔިތުން މެރުމުގެ ޒިންމާ އުފުއްލަވަން ޖެހޭ ބައެއް ކަމަށާއި އެބޭފުޅުންނާ ބެހޭ ޖިނާއީ ތަހްގީގްތައް މިހާރު ފެށިފައިވާކަމުގަ އެވެ. ޔަނަކޮވިޗް ހައްޔަރުކުރުމުގެ އަމުރުނެރުނީ އޭނާގެ މައްޗަށްކުރާ ޖިނާއީ ތަހްގީގްތަކާ ގުޅިގެން ކަމަށާ ޔަނަކޮވިޗް ގެ އިތުރުން އޭނާގެ ސަރުކާރުގެ އިސް ފަރާތްތައް ވެސް ހައްޔަރުކުރެވޭނެ ކަމަށް ޔުކްރޭންގެ ވަގުތީ ދާޚިލީ ވަޒީރު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޔަނަކޮވިޗް މަގާމުން ދުރުކުރުމާ ގުޅިގެން އޭނާ ހުންނެވިތަނެއް މިހާރު ސާފުނުވާ ކަމަށް ޚަބަރުތައް ބުނި ނަމަވެސް އަރްސީން ވިދާޅުވީ ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަށެއް ކަމަށްވާ ޚަރްކިޔޭވް އިން ޔަނަކޮވިޗް އިއްޔެ ފެނިފައިވާ ކަމުގަ އެވެ. ޔަނަކޮވިޗްގެ ވެރިކަން ވެރިކަން ވައްޓާލުމުގައި ކާމިޔާބު ހޯދި އިދިކޮޅު ފަރާތްތަކާ ޙަވާލާދީ ޚަބަރުތައް ފަތުރާވަސީލަތްތައް ބުނާ ގޮތުން ވެރިކަން ވެއްޓުމާ އެކު މަތިންދާބޯޓެއްގައި ރަޝިޔާ އަށް ވަޑައިގަތުމަށް ޔަނަކޮވޮޗް ކުރެއްވި މަސައްކަތްވަނީ ނާކާމިޔާބުވެފަ އެވެ. އަދި އެއަށް ފަހު ސަރަހައްދީ ރޮނގު ހުރަސްކޮށް ރަޝިޔާއަށް ވަޑައިގަތުމަށް ޔަނަކޮވިޗްކުރެއްވި މަސައްކަތް ވެސް ޔުކްރޭންގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔަނަކޮވިޗްގެ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ ގެންދިޔަ އިދިކޮޅު ފަރާތްތަކުން މިދިޔަ ހޮނިހިރު ދުވަހު ޕާލަމެންޓާއި ރިޔާސީ އޮފީސް ހިފުމާގުޅިގެން ޕާލަމެންޓުން ވަނީ އޭނާ ވެރިކަމުން އަޒުލުކުރިކަމުގެ ކުއްލި ގަރާރެއް ފާސްކޮށްފަ އެވެ. މިއާ އެކު ޔަނޮކޮވިޗް ވަޑައިގަތީ ރަޝިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަށެއް ކަމަށްވާ ޚަރްކިޔޭވް އަށެވެ. އެރަށުގައި ހުންނަވައިގެން ޔަނަކޮވިޗް ވަނީ އޭނާގެ ވެރިކަން ވައްޓާލާފައި ވަނީ މަދަނީ އިންގިލާބެއްގައި ކަމަށާ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެ ޓީވީ މެދުކޮށް ބަޔާނެއް ވެސް ދެއްވާފަ އެވެ. (ރޮއިޓާސް)