24 Feb 2014, 21:30
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ވައުދެއް ކަމަށްވާ، ސަރުކާރުގެ ހިލޭ އެހީގައި ބޭސްފަރުވާ ކުރެވޭނެ ނިޒާމް "ހުސްނުވާ އާސަންދަ" އިފްތިތާހް ކޮށްފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހުސްނުވާ އާސަންދަ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ރައްޔިތުން ހޮސްޕިޓަލަށް ދައްކަންޖެހޭ ބިލްތައް ނުދެއްކިގެން އުޅޭކަށް މި ސަރުކާރުގައި ނުޖެހޭނެ ކަމަށާއި އެއީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވަރަށް ނިކަމެތި ހާލުގައި އުޅޭ ރައްޔިތުން ބޭސް ފަރުވާ ކުރުމަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ކަމަށާއި ހުސްނުވާ އާސަންދަ ތައާރަފްކުރުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި މި ފެށުނު ހުސްނުވާ އާސަންދައިގެ ނިޒާމަކީ ދުނިޔޭގެ ފެންވަރުގެ ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ނިޒާމްގެ ތެރެއިން ތަފާތުކުރުމެއް ނެތި، ކޮންމެ ރައްޔިތަކަށް ކޮންމެ ތާކުން އެ ހިދުމަތް ލިބޭނެ ކަމަށާއި އެކަމަށް ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.
އެގޮތުން ބަލިމީހާ އާއި އެކު ދަތުރުކުރާ އެހީތެރިއާއަށްވެސް ހުސްނުވާ އާސަންދައިގެ ދަށުން ހިލޭ ދަތުރުގެ ޓިކެޓް ލިބިގެންދާނެ ކަމަށާއި އެކަމަށް އާއިލާގެ ފަރާތުން ހަރަދުކުރައްވަން ނުޖެހޭނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ތުއްތު ކުދިންނަށާއި 30 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް އެ ހިދުމަތުގެ ދަށުން ހެލްތް ޗެކްއަޕް ހިލޭ ހަދައިދެވޭނެ ކަމަށެވެ. އަދި އަންހެނުން ބަލިވެ އިނީއްސުރެ ވިހެއުމާހަމައަށް ދިމާވާހުރިހާ ސިއްހީ މައްސަލަތަކެއްގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.