މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބޮޑު ދެ ނެޓްވޯކެއް އަތުލައިގަނެ، އެކަމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާސިލް ކުރެވުނު ކަންތައްތައް މީޑިއާއަށް ހިއްސާކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގައި އޮތް ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ތިން އޮޕަރޭޝަނެއް ހިންގުމަށް ކަނޑައެޅި ނަމަވެސް އެއަށްވުރެ ބޮޑަށް އެކަން ހާސިލްވެފައިވާ ކަމަށެވެ.

"މަސްތުވާތަކެތީގެ ބޮޑު ދެ ނެޓްވޯކެއް ހައްޔަރުކޮށްފައިވޭ. އަދި އެ މުއްދަތުގެ ތެރޭގައި ހާއްސަ 13 އޮޕަރޭޝަނެއް ހިންގައި 13 ސަފާރީއެއް ބަލާ ފާސްކުރެވިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ، މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެތި ތަހުލީލް ކުރަން ބޭނުންކުރާ މެޝިނަށް ބޭނުންވާ ގޭސް ލިބުމުގައި ދަތިތަކެއް ހުރުމުން މަސައްކަތް ނުފެށިވާ ކަމަށެވެ.

މިދިޔަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މަދުވެގެން 80 ޕަސެންޓު މައްސަލަތައް ތަހުގީގު ކޮން ނިންމުމަށް ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން 1830 މީހެއްގެ ކުށުގެ ރިކޯޑް ސާފުކުރެވިފައިވާ ކަމަށް ނަވާޒް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ޒުވާނުންގެ ހުރި ކުދިކުދި ކުށްތަކުގެ 90 ޕަސެންޓް ފޮހެދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕްރޯއެކްޓިވް ޕޮލިސިންގެ ދަށުން އެކި ކުށްތަކަށް އަމާޒުކޮށްގެން ސާވައިލެންސް އާއި އިންޓެލް ލެޑް ޕޮލިސިންގެ ހާއްސަ ޕްރޮގްރާމްތަކެއް ހިންގި ހަށިވިއްކުމާއި ގޭންގުތަކަށް އަމާޒްކޮށްގެން އޮޕަރޭޝަންތަކެއް ހިންގިފައިވާ ކަމަށްވެސް ނަވާޒް ވިދާޅުވި އެވެ.

"100 ދުވަހުގެ ތެރޭގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި، ހަށިވިއްކުމުގެ ވިޔާފާރި ކުރަމުންދިޔަ 13 ތަނެއް ހޯދިފައިވޭ. އަދި މާފުށީ ޖަލުގައި ދެ އޮޕަރޭޝަނެއް ހިންގިފައިވޭ. މީގެ އިތުރުން ގޭންގު ހަރަކާތްތައް ހުއްޓުވުމަށް ތިން އޮޕަރޭޝަނެއް ހިންގައި މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ ފަރާތްތައް ހޯދުމަށް ފަސް އޮޕަރޭޝަނެއް ހިންގިފައިވޭ،" ނަވާޒް ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ މަގުމަތީގެ ހަރަކާތްތައް މޮނީޓަރު ކޮށް ކުށްކުރާ ފަރާތްތައް ފަސޭހައިން ހޯދުމަށް ސަރުކާރުގެ ސައްތައިގައި ފެށި ސީސީޓީވީ އެކްސްޕެންޝަން ޕްރޮގްރާމުގެ ދަށުން މާލޭގައި 69 ބުޑު އަޅައި ހޮޅި ހަރުކޮށް، ކަރަންޓު ލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ލިންކު ރޯޑުގެ ފަސް ސަރަހައްދެއްގައި ކެމެރާ މިހާރު ހަރުކުރެވިފައިވަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަވާޒް ވިދާޅުވީ ޒުވާނުންނަށް ވަޒިފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ފުލުހުން ކަނޑައެޅި ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑުމަތީގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް، ޒުވާނުންނަށް ނަގައިދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާއިރު ޒުވާން އަންހެނުންނަށް ފުލުހުންގެ ވަޒީފާ ހޯދައިދިނުމަށް އިއުލާންކުރެވި އެކަމަށް ކުރިމަތިލި 25 ދަރިވަރަކު ރެކްރޫޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ދޫނިދޫގައި 10 އައިސޮލޭޝަން ސެލްގެ ބިންގާ އެޅުމާއި ކުޑަކުދިންނަށް ހާއްސަ ޑިޓެންޝަން ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ޓެންޑާ އާއި ހިސާބުން ކުދިކުދި ޓެކްނިކަލް މައްސަލަތަކެއް ހުރެގެން ހުއްޓިފައި އޮތް ނަމަވެސް އެކަންވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ނަވާޒް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ނުލިބޭ ހަތް ދާއިރާއަކަށް ފުލުހުންގެ ހިދުމަތް ދިނުމަށް ކަނޑައެޅި ލަނޑުދަނޑީގެ ތެރެއިން އެ ހިދުމަތް ފަސް ރަށެއްގައި މިހާރު ފޯރުކޮށްދޭން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.