19 Dec 2010, 10:15
ޑިސެމްބަރު 26، 2004 ވަނަ ދުވަހު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ހާދިސާ އަށް ހަ އަހަރު ފުރުން ފާހަގަ ކުރުމަށް އެންމެން އެއްވަގުތެއްގައި މަގުމައްޗައް ނިކުންނަ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު މިއަދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު 9:20 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ ފަރާތުން ހާއްސަ ރަނގަބީލެއް ޖަހާނެ ކަމަށާއި ރަނގަބީލު ޖެހުމުން ހުރިހާ އެންމެން ވެސް މަގުތަކަށް ނިކުންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ރަނގަބީލު އެއް ވަގުތެއްގައި ހުރިހާ މީޑިއާ ތަކުން ވެސް "ޕްލޭ" ކުރާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"މިކަން މި ކުރަނީ ޑިޒާސްޓާ މެނޭޖްމަންޓާއި އެމްއެންޑީއެފް ގުޅިގެން. އެ ބޭފުޅުން ދެކިވަޑައިގަންނަވަނީ ރަނގަބީލުގެ އަޑާއެއްކޮށް އެންމެން މަގުމައްޗަށް ނުކުތުމަކީ އެއްބައިވަންތަކަމުގެ އިތުރުން އެފަދަ ކަންކަމަށް ތައްޔާރުވުމުގެ ކަމެއް ކަމަށް،" ޒުހައިރު ވިދާޅުވި އެވެ.
ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން "ވޯލްޑް އޮފް ރިމެންބަރެންސް"ގެ ނަމުގައި އެ ދުވަހުގެ ތަޖުރިބާތައް ހިއްސާ ކުރުމަށް ހާއްސަ ކުރެވިފައިވާ ފާރެއް ސުނާމީ ބިނާ ސަރަހައްދުގައި ހުންނާނެ ކަމަށާއި ފޮޓޯ މައުރަޒެއް ވެސް އެ ދުވަހު ދަރުބާރުގޭގައި ހުޅުވާނެ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދުވަސް ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގުމަށް ނިންމީ ދެ ވަނަ ފަހަރަށް އެފަދަ ކަމެއް ކުރިމަތި ވުމުގެ ކުރިން އެފަދަ ކަމަކަށް ތައްޔާރުވެގެން ތިބުމަށް މުޖުތަމައު ހޭނުމަށް ކަމަށާއި އަތޮޅުތަކުގަ އާއި ޓުރިސްޓް ރިސޯޓުތަކުގައި ވެސް އެ ދުވަސް ފާހަގަ ކުރާނެ ކަމަށެވެ.
"އެފަދަ ކަމެއް އައިސްފާނެތީ ބިރުން ތިބުމަށްވުރެ އެފަދަ ކަމަކުން ރައްކާތެރިވާނެ ގޮތް ރައްޔިތުންނަށް އެނގެންވީ. އެކަމަކީ މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކެން." ޒުހައިރު ވިދާޅުވި އެވެ.