ދިވެހި ރާއްޖޭގައި ކުރާ މަސްވެރިކަން މޮނިޓާކޮށް، މެނޭޖްކޮށް އަދި ސާވެއަލަންސް ހަރުދަނާ ކުރުމަށް އުޅަނދުތަކުގައި ހަރުކުރަން ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައިވާ "ވެސަލް މޮނިޓަރިން ސިސްޓަމް"ތައް ވިއްކައި މެނޭޖު ކުރުމުގެ މަސައްކަތް ދިރާގާ ހަވާލުކޮށްފި އެވެ.

ވެލާނާގޭގެ ކޮންފަރެންސް ރޫމްގައި މިިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މަސައްކަތް ދިރާގާ ހަވާލު ކުރެއްވީ ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

އެ ނިޒާމުގެ ސަބަބުން ވެސަލް ލޮކޭޓިން ޑިވައިސް ހަރުކުރާ އުޅަނދުފަހަރުގެ ސިގްނަލް ކޮންމެ ގަޑިއަކު އެއްފަހަރު މޮނިޓަރިން ސްޓޭޝަންތަކަށް ލިބި އުޅަނދުގެ ހަރަކާތްތައް ކޯސްޓްގާޑުންނާއި ފިޝަރީޒް މިނިސްޓްރީ އިން ދާއިމީ ގޮތެއްގައި މޮނިޓާ ކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އުޅަނދުގެ ވެރިފަރާތަށް ވެސް އުޅަނދުގެ ހަރަކާތް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ގާބިލުކަން ލިބޭނެ ކަމަށާއި އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ "ޑިސްޓްރެސް ބަޓަން ނުވަތަ ޑިސްޓްރެސް ސިގްނަލް" ބޭނުން ކޮށްގެން އިމާޖެންސީ މެދުވެރިވެއްޖެ ކަމުގެ ސިގްނަލް ސެޓުލައިޓް މެދުވެރިކޮށް، އުޅަނދު އޮތް ސަރަހައްދުތަކުގެ މައުލޫމާތުތަކާ އެކު، ކޮންމެ ފަސް މިނެޓަކު މޮނިޓަރިން ސްޓޭޝަންތަކަށް ފޮނުވަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ ސަބަބުން ދުނިޔޭގެ ކޮންމެ ހިސާބެއްގައި އުޅަނދު އޮތް ކަމުގައިވީ ނަމަވެސް އެ އުޅަނދެއް އޮތް ތަނެއްގެ މައުލޫމާތު އެ މިނިސްޓްރީ އާއި ކޯސްޓްގާޑަށް ލިބޭނެ ކަމަށާއި އޭގެ ސަބަބުން ހާލުގައި ޖެހޭ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނަގާނެ ވަގުތު މަދުވެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެން ދާނެކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

އެ ޑިވައިސް ދިރާގާ ހަވާލުކޮށްދެއްވުމަށް ފަހު ފިޝަރީޒް މިނިސްޓަރު މީޑިއާ އަށް ވިދާޅުވީ މަސްވެރިކަމަކީ ބެލެހެއްޓިގެން ކުރެވޭ މަސައްކަތެއް ކަމަށާއި އެކަންކުރަން އޮތް އެންމެ ބޮޑު ހުރަހަކީ އުޅަނދުތަކަށް ސަލާމަތީ ގޮތުން އޮންނަ ޔަގީންކަން ނެތުން ކަމަށެވެ. އެހެން ނަމަވެސް ވެސަލް ލޮކޭޓިން ޑިވައިސްގެ ނިޒާމްގެ ދަށުން އެ ހުރަސްތައް ހައްލުވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިރާގުން ޑިވައިސް ވިއްކުމާއި ހަރުކޮށްދިނުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާ އިރު ޑިވައިސްގެ އަގަކީ 18000 ރުފިޔާ ކަމަށް ވިޔަސް ފުރަތަމަ 289 ޑިވައިސް 13987 ރުފިޔާ އަށް އުޅަނދުތަކަށް ވިއްކުމަށް ވަނީ ހަމަޖައްސާ ފައެވެ. އަދި މިހާރު އެ ހިދުމަތް މާލެ ސަރަހައްދުން ލިބެން ހުރި ކަމުގައި ވިޔަސް ކުރިޔަށް އޮތް ތަނުގައި ދިރާގުގެ ރީޖަނަލް އޮފީސްތައް ހުންނަ ރަށްރަށުން ލިބިގެންދާނެ ކަމަށާއި ޓެސްޓް ކުރުމަށްޓަކައި ލޭނުގެ މަސްވެރިކަން ކުރަމުން އަންނަ 13 އުޅަނދެއްގައި މިހާރު އެ ޑިވައިސް ހަރުކޮށްގެން ބޭނުން ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެ އެވެ.