އެމްއެންޑީއެފްގެ އޭވިއޭޝަން ކޮމާންޑްގެ ހެޑް ކާނަލް މުހައްމަދު ޒިޔާދު ސިފައިންގެ ވަޒީފާ އިން ވަކިކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޒިޔާދު ވަޒީފާ އިން ވަކިކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސިފައިންގެ ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ޒިޔާދު ވަނީ ސްރީލަންކާގެ އާމީ ޔުނިވާސިޓީން އޮނަރަރީ އަކާ އެކު ގްރެޒުއޭޓް ވެވަޑައިގެންފަ އެވެ. އަދި އެއީ އެ ގައުމުން ބޭރުގެ އޮފިސަރަކު މުޅި ކޯހުން އެއްވަނަ ހޯދައިގެން ގްރެޒުއޭޓްވެފައިވާ ފުރަތަމަ އޮފިސަރު ވެސް މެ އެވެ. އަދި އެއީ ރާއްޖޭން ބޭރުގައި އެފަދަ ޝަރަފެއް ދިވެހި ސިފައިންގެ މީހަކަށް ހޯދި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އޭގެފަހުން އޭނާ މާލެ ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ކުރީގެ ރައީސް މައުމޫންގެ ބޮޑީގާޑެއްގެ ގޮތުގައި އުޅުއްވި އެވެ. އަދި މައުމޫން ސަރުކާރަށް ފަހު ހުންނެވީ އޮޕަޜޭޝަން ކޮމާންޑަރެއްގެ މަގާމުގަ އެވެ. އެމްއެންޑީއެފްގެ އޭވިއޭޝަން ކޮމާންޑްގެ ހެޑަކަށް ބަދަލުކޮށްފައި ވަނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.