ދިވެހި ސަރުކާރުގެ ބަޖެޓުން 126 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަދާ ތ. ގުރައިދޫ ބިންހިއްކުމުގެ މަޝްރޫޢޫ މިއަދު ފައްޓައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫޢޫ ފެށުމުގެ ރަސްމީއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ގުރައިދޫގަ އެވެ. މަޝްރޫޢު ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒް އެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ ދަށުން ތ. ގުރައިދޫގައި 45 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއަދުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެ މަސައްކަތް އެމްޓީސީސީ ނިންމަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

ތ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި މަހުގެ 9 ވަަނަ ދުވަހު އެވެ.

މިއަދު ތ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ އިސް ވެރިންނާއި ގުރައިދޫގެ ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.