24 Feb 2014, 17:25
ސަރުކާރުގެ ބްރޯޑްބޭންޑް ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ބްރޯޑްބޭންޑްގެ ހިދުމަތް ލިބެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ކޮންމެ ރަށަކަށް ބްރޯޑްބޭންޑް ހިދުމަތް ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ދެއްވީ ގައުމީ ބްރޯޑްބޭންޑް ސިޔާސަތު ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ. ބްރޯޑްބޭންޑް ސިޔާސަތުތައް ހާމަކުރައްވަމުން އަމީން ވިދާޅުވީ، ބްރޯޑްބޭންޑްގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށެވެ.
"ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އެއްވެސް މީހަކު އެކަހެރި ނުކޮށް ހުރިހާ އެންމެންނަށް ވެސް އަސާސީ މުހިންމު ހިދުމަތްތައް ހަމަހަމަ ގޮތެއްގަ ފޯރުކޮށްދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވާނެ." މިނިސްޓަރު އަމީން ވިދާޅުވެ އެވެ. "މި ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށަކަށް އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ބްރޯޑްބޭންޑްގެ ހިދުމަތް ލިބިގެންދާނެ."
ސަރުކާރުގެ މައިގަނޑު އަމަޒަކީ ސާކް ސަރަހައްދުގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އައިސީޓީ) ގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނުން ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީކަށް ވެފައި މިއޮތީ މި ސަރަހައްދުގައި 'ސާކް ސަރަހައްދުގައި' އައިސީޓީގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުން." އަމީން ވިދާޅުވި އެވެ. "މި ލަނޑުދަނޑަ އާއި ހަމައަށް ވާސިލްވުމަށް ޓަކައި މިއީ ވަރަށް މުހިންމު ކޮމްޕޯނަންޓެއް. އެހެންވީމާ މި ކޮމްޕޯނަންޓް އެންމެ ފުރަތަމަ ވެސް ތަންފީޒުވެގެންދާ ތަން ފެނުމަކީ މިއީ މި ދާއިރާގައި އަޅުގަނޑުމެންނަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށް ނޫނީ ނުވާނެ."
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ބްރޯޑްބޭންޑް ސިޔާސަތުގެ ދަށުން ހިމެނޭ މައިގަނޑު ފަސް ސިޔާސަތުތައް ހިއްސާކުރި އެވެ. އެގޮތުން ފުރަތަމަ ސިޔާސަތެއްގެ ގޮތުގައި ހިމެނެނީ 18 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ބްރޯޑްބޭންޑްގެ ހިދުމަތް ދިނުމެވެ. ދެވަނަ ސިޔާސަތެއްގެ ގޮތުގައި ހިމެނެނީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަން ހަމަޖައްސާފައިވާ ކަންތައްތަކެވެ.
ތިންވަނަ ސިޔާސަތަކީ ބްރޯޑްބޭންޑް ނެޓްވާކް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމެވެ. ހަތަރު ވަނަ ސިޔާސަތެއްގެ ގޮތުގައި ހިމެނެނީ އިންޓަނެޓްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވޭ ކޮންޓެންޓް މުއްސަނދި ކުރުމެވެ. އަދި ފަސްވަނަ ސިޔާސަތަކީ ދުނިޔޭގެ ފެންވަރުގައި އިންޓަނެޓްގެ ހިދުމަތް ގާއިމް ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ފާހަގަކޮށް ރަނގަޅު ކުރުމެވެ.