އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ "ވަގުފު ފަންޑު"ގެ 10 ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

"ދާރުލް އީމާން"ގެ ނަމުގައި އެޅުމަށް ހަމަޖެހިފައިވާ 10 ބުރީގެ އިމާރާތަކީ ވަގުފު ފަންޑު މުއްސަންދި ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އެޅުމަށް ނިންމާފައިވާ އިމާރާތެކެވެ. އެ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ މާފަންނު މަދަރުސާ އާއި ރައިވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮންނަ ހުސް ބިމުގަ އެވެ.

އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު އައްޝައިހު ޝަހީމް އަލީ ސައީދު ވިދާޅުވީ "ދާރުލް އީމާން" އިމާރާތަކީ މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އޮފީސް އިމާރާތެއްގެ ގާއިމްކުރުމަށް ހަމަޖެހިފައިވާ އިމާރާތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމިގެންދާނެ ކަމަށާއި އިމާރާތުގެ މަސައްކަތް ނިމުމުން އެ އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާ ވަގުފު ފަންޑަށް ޖަމާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އިމާރާތުން ތިން މިލިއަން އަށް ވުރެ ގިނަ ރުފިޔާ އަހަރަކު އިސްލާމިކް މިނިސްޓްރީގެ މިސްކިތްތަކުގެ ފަންޑަށް ލިބިގެންދާނެ ކަމަށާއި އެ އިމާރާތަކީ 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އިމާރާތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިނިސްޓްރީގެ މަސައްކަތްތައް އޭގެ އަމާޒަށް މި 100 ދުވަހުގެ ތެރޭގައި ވަނީ ވާސިލްވެފައި، އެމްޓީސީސީއާ މި އިމާރާތް އެޅުމަށް ހަވާލުކުުރެވިގެން ދިޔަ ކަމީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް، މާލޭގައި ހުރި އެންމެ ރީތި އޮފީސް އިމާރާތަށް މި އިމާރާތް ވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި އަތޮޅުތަކުގައި ވެސް ވަގުފު ފަންޑުގެ އިމާރާތްތައް އެޅުމުގެ މަޝްރޫއު ފައްޓަވާނެ ކަން މިނިސްޓަރު މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އޭގެ ތަފްސީލް ފަހުން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ގާއިމް ކުރެވޭ މިފަދަ ތަންތަނުގެ ބޭނުމަކީ އެތަންތަން ކުއްޔަށް ދީގެން ލިބޭ ފައިސާއިން އަތޮޅުތަކުގެ އިސްލާމީ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.

"އަތޮޅުތަކުގެ މިސްކިތްތައް މަރާމާތުކުރުމާއި ކީރިތި ގުރުއާނުގެ އިލްމް ފެތުރުމާއި ރަމަޟާން މަހުގެ ތަރާވީސް ކުރާ މީހުންނަށާއި އެނޫން ވެސް ދީނީ ގޮތުން ކުރާ ކަންކަމަށް ހަރަދުކުރުމަކީ ދައުލަތުގެ ބަޖެޓުން އެކަނި ކުރެވޭނެ ކަންކަން ކަމުގައި ނުވާތީ މިނިސްޓްރީން ވަނީ އަތޮޅުތަކުގައި ވަގުފު ފަންޑުގެ އިމާރާތްތައް އަޅަން ނިންމައިފައި." ޝަހީމް ވިދާޅުވި އެވެ.