ރާއްޖޭގެ އެކިކަންކޮޅުތަކުގައި "އާލީ އިންޓާވެންޝަން ސެންޓަރުތައް" ހިންގުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގާ ޕްރޮގްރާމްގެ ދަށުން އިމާދުއްދީން ސްކޫލްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސެންޓާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދު އިފްތިތާޙުކޮށްދެއްވައިފި އެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ވީހާ ވެސް ޅައުމުރެއްގައި މައިންބަފައިންނާއި މުޖްތަމައުގެ އެހީތެރިކަން ލިބިގެން ދިޔުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލެއްވި އެވެ. އަދި ކުއްޖާގެ ކިބައިގައި ހުންނަ އާދަޔާ ހިލާފު ސިފަތައް ދެނެގަތުމަށާއި، އަދި ނުކުޅެދުންތެރިކަން ދެނެގަތުމަށްޓަކައި ބެލެނިވެރިން ހޭލުންތެރިކުރުވުމަކީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްތައްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ފާތިމަތު އިބްރާހީމްގެ ވާހަކަފުޅުގައި ދަރިފުޅުގެ ތަބީއަތުގައި އެއްވެސް ކަހަލަ އާދަޔާ ހިލާފު ކަމެއް ހުރި ކަމަށް ފާހަގަކުރެވިއްޖެނަމަ، ފަސްޖެހިވަޑައިނުގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މައިންބަފައިންނަށާއި ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވި އެވެ.

" އެއްވެސް ލަދުވެތިކަމެއްނެތި، ފޮރުވުމެއްނެތި، ހަމައެކަނި ދަރިފުޅުގެ މުސްތަގުބަލަށްޓަކައި، އެދަރިފުޅަށް ބޭނުންވާނެ އިތުރު އެހީތެރިކަމާއެކު، ކުރިއަށް ވަޑައިގަތުމަކީ އެކުދިންނަށްޓަކައި މައިންބަފައިން ކޮށްދެއްވަންވީ އެންމެ މުހިންމު އެއްކަންތައް، ކިޔެވުމުގައި ކުރިއަށްދެވޭނެ ދަރިވަރުންނަށް ޅަފަތުގައި އެހީތެރިކަން ފޯރުވައިދެވޭނެފަދަ، ތަމްރީނު ލިބިވަޑައިގެން ތިއްބެވި ގާބިލު ޓީޗަރުންގެ އެހީތެރިކަން މިފަދަ ކުދިންނަށް ލިބިގެން ދިޔުމަކީ ވެސް އެކުދިންގެ ކުރިއެރުމަށް އެޅޭނެ ވަރަށް މުހިންމު ބިންގަލެއްކަން،" އެކަމަނާ ވިދާޅުވި އެވެ.

މިފަދަ ޕްރޮގްރާމެއް ފެށިގެން ދިޔުމަކީ، ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމާއި ހުނަރުތައް ހޯދައިދިނުމަށް ލިބިގެންދާ ވަރަށް އަގުހުރި ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.