24 Feb 2014, 15:21
މުދައްރިސުންގެ ވާޖިބުތަކާއި އަހުލާގީ މިންގަނޑު ބަޔާން ކުރާ "ދިވެހިރާއްޖޭގެ މުދައްރިސުންގެ ފަންނީ އޮނިގަނޑު" މިއަދު ނެެރެފި އެވެ.
އެ އޮނިގަނޑުގައި މުދައްރިސުން ވަނީ ދަރަޖަކޮށް ދެ ދަރަޖައަކަށް ބައިކޮށް ކޮންމެ ދަރަޖައެއްގައި ހިމެނޭ މުދައްރިސުންގެ ފަރާތުން ފެންނާންޖެހޭ ކަންތައްތައް ބަޔާންކޮށްފަ އެވެ.
ކިޔަވައިދިނުމާއި ރޭވުމާއި ކިޔެވުމާއި އަހުލާގުގެ އިތުރުން މުދައްރިސުންގެ ފެންވަރު ބަލާނެ މިންގަނޑެއް ވެސް އެ އޮނިގަނޑުގައި ބަޔާންކޮށްފައިވެ އެވެ.
"މި އޮނިގަނޑަކީ މުދައްރިސްގެ ފަންނީ ގާބިލު ކަމާއި ކިޔަވައިދިނުން ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ގޮތެއްގައި އެކުލަވާލައިވާ އޮނިގަނޑެއް. މުދައްރިސުންގެ އަމިއްލަ ފަންނީ ކުރިއެރުމަށާއި ސްކޫލުން މުދައްރިސުންނަށް ފަންނީ އެހީ ފޯރުކޮށްދިނުމުގައި މި އޮނިގަނޑުގެ ބޭނުން ކުރެވިދާނެ،" އޮނިގަނޑުގެ ފެށުމުގައި ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.
އެ އޮނިގަނޑުގެ ދީބާޖާގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައި ވަނީ ތައުލީމުގެ ފެންވަރު މަތި ކުރުމަށް މުދައްރިސުންގެ ފެންވަރު ވެސް މަތިކުރަންޖެހޭ ކަމަށެވެ.
"ހިދުމަތުގައި ތިއްބަވާ މުވައްޒަފުންގެ މަސައްކަތް އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ޒަމާނަށް އަންނަ ބަދަލުތަކަށް މުދައްރިސުން އަހުލުވެރި ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.