މޯލްޑިވްސް އެންވާރަމަންޓް މެނޭޖްމަންޓް ޕްރޮޖެކެޓްގެ ދަށުން އުތުރުގެ ތިން ރަށެއްގައި ކުނި ކޮށިތަކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޅ. ކުރެންދޫ އާއި އެ އަތޮޅު އޮޅުވެލިފުށީގެ އިތުރުން ރ. ކިނޮޅަހުގައި ރަށުފެންވަރުގެ ކުނި ކޮށިތަކެއް ގާއިމް ކުރުމަށް ހަވާލުކޮށްފައި ވަނީ ވުޑް ވާކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އެގޮތުން އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދެވެ. މަސައްކަތް ހަވާލުކުރެވުނު ވުޑް ވާކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ވަހީދެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު މަޖީދު ވިދާޅުވީ އެ ތިން ރަށުގެ މަސައްކަތްވެސް ވުޑް ވާކްސްއާއި ހަވާލުކޮށްފައި ވަނީ ތިން ރަށަށް އެއްކޮށް 2.6 މިލިއަން ރުފިޔާ އަށް އަށް 75 ދުވަސްތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށް ކަމަށެވެ.

މޯލްޑިވްސް އެންވަޔަރަމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އެންވާރަމަންޓް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާ ތެރޭގައި އުތުރުގެ ނ، ރ، ބ، އަދި ޅ. އަތޮޅުގެ 45 ރަށަކުން އުފެދޭ ކުނި ރ. ވަންދޫގައި ގާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އަށް އުފުލުމަށާއި އަރިއަތޮޅު ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން އަރިއަތޮޅުގެ ރަށްރަށުން ކުނި ތިލަފުއްޓަށް އުފުލުމަށް ބޭނުންކުރާނެ ދެ ބާޖެއް ބަނުމަށްވެސް ބަޔަކާއި ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން މޯލްޑިވްސް އެންވާރަމަންޓް މެނޭޖްމަންޓް ޕްރޮޖެކެޓްގެ ދަށުން ބ. އޭދަފުށީގައި ކުނި ކޮށްޓަކާއި ޅ. ނައިފަރު އަދި ނ. މަނަދޫގައި ހުރި ކުނިކޮށި އިތުރަށް ތަރައްގީ ކުރުމަށްވެސް މިދިޔަ ހަފްތާ ތެރޭގައި ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.