ކެރޭނެއް ފުރޮޅާލައި އޭގެ ޑުރައިވަރު ވަރަށް ބޮޑަށް ޒަހަމްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންފަށައިފި އެވެ.


އާރްކޭއެލް ގްރޫޕްގެ ކެރޭން މިއަދު 3:15 އެހާކަންހާއިރު އަރިއަޅާލައިގެން ވެއްޓުނީ އަމީނީމަގުން ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދުގައި ހުންނަ އާންމު ފާހާނާ ބަރިއެއްގެ މައްޗަށެވެ.


މެރީޑިއަމް ޕެޓްރޯލް ޝެޑާއި ދިރާގު އިމާރާތާ ދެމެދަށްވާ ގޮތަށް ހުންނަ ފަހާނާ ބަރި މައްޗަށް ކެރޭން ވެއްޓުނު އިރު ފާހާނާ ބަރީގައި ދެ މީހަކު ފާހާނާ ބޭނުން ކުރަން ތިބި ކަމަށް ވެސް ބައެއް މީހުން  ބުންޏެވެ. ނަމަވެސް އެއިން އެއް ވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.


ސަން އޮންލައިންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ކެރޭނުން ޖެހި ފާހާނާ ބަރީގެ ފުރާޅު ވަނީ އެއްކޮށް ހަލާކުވެފަ އެވެ.


ކެރޭން ވެއްޓުނު ސަރަހައްދުގައި ހުންނެވި ފުލުސް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމު ވިދާޅުވީ އެ ހާދިސާގައި ކެރޭން ދުއްވި ބަންގުލަދޭޝްގެ މީހާ ފިޔަވައި އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެކިވަރުގެ ޒަހަމްތައް ލިބުނު ޑްރައިވަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.


ކެރޭން ވެއްޓުނު ހާދިސާގައި އެ ސަރަހައްދުގައި އޮތް އާރުކޭއެލްގެ ޕިކަޕަކެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އިތުރު ލޯރިއަކަށް ވެސް ގެއްލުންތައް ލިބުނެވެ.


އާރުކޭއެލްގެ އޮފިޝަލެއް ބުނީ ކެރޭން އަރިއަޅާލަން ދިމާވީ އޭގެ ވައިރު ބަދަލުކޮށް، ގިރިސް ޖަހަން އުޅުމުގެ ތެރޭގައި ބެލެންސުން ގެއްލިގެން ކަމަށެވެ.


ވެއްޓުނު ކެރޭން ނެގުމުގެ މަސައްކަތް މިހާރު އަންނަނީ އާރްކޭއެލް އިން ކުރަމުންނެވެ.