24 Feb 2014, 15:02
ފުރަތަމަ ސަތޭކަ ދުވަހު ސަރުކާރުން މަސައްކަތް ކޮށްފައި ވަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާއި ދެން ފެންނާނީ ބޮޑެތި ޕްރޮޖެކްޓްތައް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ހާސިލުކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް އިކޮނޮމިކް-ސޯޝަލް ކައުންސިލުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގަ އެވެ.
"... މި ސަތޭކަ ދުވަހުގެ ސްޕީޑަކީ ވަރަށް ބާރު ސްޕީޑެއް. އިރާދަކުރެއްވިއްޔާ ގާނޫނީ ރައްކާތެރިކަން ލިބިދެވޭނެ މާހައުލެއް، ގާނޫނީ ބާރުވެރިކަން ލިބިދެވޭ ފަދަ ބާރެއް ސަރުކާރަށް ލިބިއްޖެ ކަމަށްވާ ނަމަ މިއަށް އެއްވެސް ހުއްޓުމެއް ނެތި އަދި އިތުރު ބާރުމިނުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ. އެހެންވީމާ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހިދުމަތުގައި މިތިބީ. މެނިފެސްޓޯގައި ހުރި ވައުދުތައް އަދި އޭގެ އިތުރަށް ވެސް ރާއްޖެ ކުރިއެރުވުމަށް ޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ޓަކައި. ދެން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެންމެ ބޮޑަށް ފެނިގެން ދާނީ ބޮޑެތި މަޝްރޫއުތައް. އިގުތިސާދީ ގޮތުން ރާއްޖެއަށް ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތައް އެންމެ ބޮޑަށް ފެނިގެންދާނެ. އެއާ އެކީގައި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް ދާނެ،" އަމީނު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ރާއްޖެއަށް އައި އެންމެ ބޮޑު ބަދަލަކީ ދުނިޔޭގެ ގައުމުތަކުން ރާއްޖެއާ ދޭތެރޭގައި ދެކޭގޮތް ރަނގަޅުވުން ކަމަށެވެ. އަދި ވިދާޅުވީ އެކަން ހާސިލުވީ ރައީސް ޔާމީނު އިންޑިއާއަށާއި ސިލޯނަށް ކުރެއްވި ދަތުރުފުޅާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުން ކަމަށެވެ.
"... މި 100 ދުވަސް ދުވަހުގައި ރާއްޖެއަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ، ދިވެހި ރައްޔިތުންނަށް ހާސިލުކުރެވުނު އެންމެ އެއް ކަމަކީ، ރާއްޖެއާ ދޭތެރޭގައި ދުނިޔޭގެ ގައުމުތަކުން ދެކޭ ގޮތް ވަރަށް ބޮޑަށް ރަނގަޅުވެގެން ގޮސްފައި ވާނީ. ހާއްސަގޮތެއްގައި ރައީސް ޔާމީނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އަދި ހާއްސަގޮތެއްގައި އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ އަދި ސިލޯނަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއަކަށް ވެގެން ދިޔައީ ، ރާއްޖެއާ ދޭތެރޭގައި ބައިނަލް އަގުވާމީ ގޮތުން ދެކޭ ގޮތް ވަރަށް ބޮޑަށް ރަނގަޅުވެގެން ގޮސްފައި ވަނީ. އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ވެސް ދިވެހިރާއްޖެއާ ދޭތެރޭގައި މިގައުމުތަކުން ދެކޭ ގޮތް ބަދަލުވެ، ރާއްޖެއަކީ އެބޭފުޅުން އިންވެސްޓްކުރާ ހިއްވާ، ޒިޔާރަތްކުރާ ހިތްވާ، ބައްދަލުކުރާ ހިތްވާ އަދި ރާއްޖޭގެ ކަންތައްތަކުގައި އެހީތެރިވެދޭހިތްވާ ކަހަލަ ގައުމަކަށް ރާއްޖެވަނީ ބަދަލުވެގެން ގޮސްފައި،" ވިދާޅުވި އެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ބައިވެރިވަޑައިގެންނެވިއެވެ.