ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަނުގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލި ހަތަރު ކުދިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ ކުދިން ޓެރަރިޒަމްހެ ދައުވާ އަށް އިންކާރުކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، ޕޮލިސްޓޭޝަން ކުރިމަތީގައި ސަފަކަށް އެތުރިގެން ތިބި ފުލުހުންނާ ދިމާލަށް އޭގެ ތެރެއިން އެއް ކުއްޖަކު ގާ އުކަނިކޮށް ފެނުނު ކަމަށް ދެ މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ.

ފުލުހުންނާ ދިމާލަށް ގާއުކުމުގެ އިތުރުން ޕޮލިސްޓޭޝަނާ ދިމާލަށް ވެސް އެ ކުއްޖާ ގާއުކިތަން ދުށްކަމަށް ހެކިބަސްދީފައިވާ ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައިވަނީ އެ ކުއްޖާ ފުލުހުންނާ ދިމާލަށާއި ޕޮލިސްޓޭޝަނަށް ގާއުކި ތަން ދުށްކަމަށް ހެކީން ބުނިނަމަވެސް، އެ ކުއްޖާ އެއްލިގާ ފުލުހެއްގެ ގައިގައި ޖެހުނުތަން ނުދެކޭ ކަމަށާއި އަދި ޕޮލިސްޓޭޝަނާ ދިމާލަށް ގާއުކުމުގެ ސަބަބުން ޕޮލިސްޓޭޝަނަށް އެއްވެސް ގެއްލުމެއް ލިބުނުތަނެއް ނުފެންނަ ކަމަށް އެ ދެ މީހުން ހެކިބަސްދީފައިވާ ކަމަށެވެ.

ދެވަނަ ކުއްޖާއާ ދެކޮޅަށް ހެކިބަސް ދިން 10 މީހުންގެ ހެކިބަހަށް ބަލާއިރު، އެ ކުއްޖާ ފޮލިސްޓޭޝަން ހުންނަ ސަރަހައްދުގައި އުޅުނު ހިސާބުން ގާ އުކި މަންޒަރު ފެނުނު ކަމަށް ހެކީން ބުނާ ކަމަށާއި ނަމަވެސް އޭގެސަބަބުން ފުލުހުންނަށް އަނިޔާލިބި އަދި ޕޮލިސްޓޭޝަނަށް އެއްވެސް ގެއްލުމެއް ލިބުނުކަން ނޭނގޭ ކަމަށް ހެކީން ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ބާކީ ތިބި ދެ ކުދީންގެ މައްޗަށް ހެކިބަސް ދީފައި ވަނީ އެންމެ މީހަކު ކަމަށާއި އެ މީހާގެ ހެކިބަހަށް ބަލާއިރު، އެ ދެ ކުދީން ހަމަނުޖެހުމުގައި ބައިވެރިވެ، ފުލުހުންނާ ދިމާލަށް އަދި ޕޮލިސްޓޭޝަނާ ދިމާލަށް ވެސް ގާ އުކުމުގެ އިތުރުން ޕޮލިސްޓޭޝަންގެ ސައިކަލެއްގައި ރޯކޮށްލުމުގައި ބައިވެރިވި މަންޒަރު ފެނުނު ކަމަށް ހެކިބަސްދިން މީހާ ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އޭގެއިތުރުން ގދ. އަތޮޅު ކައުންސިލް އިދާރާގެ ތެރެއަށް އެ ކުއްޖާ ވަދެގަތް މަންޒަރު ފެނުނު ކަމަށް އެމީހާ ހެކިބަސްދީފައިވާ ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެ ހަތަރު ކުދީން ހުށަހެޅި ދިފާއީ ހެކީންގެ ހެކިބަހަށް ބަލާއިރު، އެ ކުދީން އެއްވެސް ކަމެއްގައި އަމަލީގޮތުން ބައިވެރިނުވާ ކަމަށް ބުނިނަމަވެސް ހާދިސާ ހިނގި ސަރަހައްދުގައި އުޅުނުކަން އެނގެން އޮންނަ ކަމަށެވެ.

އެ ކުދީންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އާއި (ޅ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުނެވެ.

އެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމެއް ކުރުމާއި އެފަދަ ކަމެއް ކުރަން އުޅުމާއި، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ގަލަމުން ވިޔަސް ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނެފައި އެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) ގައި ބުނެފައި އެވާފަދަ އެއްވެސް ކުށެއް އެ ހަތަރު ކުދީން ކޮށްފައިވާކަން ހެކީންގެ ހެކިބަހުން އެނގެން ނެތްކަމަށެވެ.

އެ ގާނޫނުގެ ދެވަނަ މާއްދަގެ (ޅ) ގައި ބުނެފައި ވަނީ މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ލިބިދާފަދަގޮތެއްގައި އެއްވެސް ތަނެއްގައި ހުޅުޖެހުމާއި ހުޅުޖަހަން އުޅުމާއި އަދި އެފަދަ ގޮތަކަށް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުން ދިނުމަކީވެސް ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ގާނޫނުގެ އެ މާއްދާގައި ބުނެފައިވާ ގޮތަށް އެ ހަތަރު ކުދީން ތިނަދޫ ޕޮލިސްޓޭޝަނަށް ގެއްލުންދީފައިވާކަން ވެސް ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

ހެކީންގެ ހެކިބަހަށް ބަލާއިރު، އެ ކުދީންގެ މައްޗަށް ސާބިތުވި ކުށަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. ނަމަވެސް ދައުވާ ކުރާ ކުށަށް ފިޔަވައި އިތުރު ކުށަކަށް އަދަބު ކަނޑަނޭޅޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ އެ ކުށަށް އަދަބު ކަނޑައެޅެން ނެތް ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.