24 Feb 2014, 14:38
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޓޫން ޢަބްދުﷲ ބަދަވީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ރައީސް މައުމޫންގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިބައްދަލުކުރެއްވުމުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ބަދަވީ ވިދާޅުވެފައި ވަނީ ރައީސް މައުމޫނަކީ ކުރިއްސުރެ ދެނެވަޑައިގަންނަވާ ބޭފުޅަކަށް ވާތީ، ރަޙްމަތްތެރިކަން އާލާކޮށްލެއްވުމުގެ ގޮތުން ބައްދަލުކޮށްލެއްވީ ކަމަށެވެ.
ރައީސް މައުމޫންގެ އަރިހަށް ބޮޑުވަޒީރު ބަދަވީ ޒިޔާރަތްކޮށްލެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށާއި ޓޫން ބަދަވީގެ ބޮޑުވަޒީރުކަމުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާކަމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
ދިވެހިރާއްޖެއާއި މެލޭޝިޔާއާއި ދެމެދުގައި އޮތް ގުޅުން ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށް ޓަކައި ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވިދާޅުވި އެވެ.