ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރުމުން އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އިއްޔެ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހުލާސާ ރިޕޯޓު ހުށަހަޅާފައި ނުވާތީ ހައިކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށްދީފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖާބިރުގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވި ދުވަހުން ފެށިގެން އެ ރިޕޯޓް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ރިޕޯޓް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުކުމް ކުރި ދުވަހު ވެސް ރެޖިސްޓްރާއާ ބައްދަލުކޮށް ހުލާސާ ރިޕޯޓް ހޯދުމަށް އެދުނިން، އެ ދުވަހު ރަޖިސްޓްރާ ވިދާޅުވީ މިއަދަކު ނުދެވޭނެއޭ، ދެން މިއަދު ވެސް އަޅުގަނޑުމެން އެ ރިޕޯޓް ހޯދުމަށް އެދުނީމާ ސީދާ ވިދާޅުވީ ނުދެއްވާނަމޭ. އަޅުގަނޑުމެން ވާނީ ނުދެއްވާނަމޭ އެ ވިދާޅުވާ ވިދާޅުވުން ލިޔުމަކުން ދިނުމަށް އެދިފައި، ދެން އެކަން ލިޔުމަކުން ހުށަހެޅުމުން ވިދާޅުވަނީ ނުދޭނަމޭ ބުނާބުނުމަށް ޖަވާބު ލިބޭނީ ތިން ދުވަސް ފަހުން ކަަމަށް،" ދިޔާނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ދިޔާނާ ވިދާޅުވީ ހުލާސާ ރިޕޯޓަކީ ހުކުމް ކުރާ ދުވަހު ދޭންޖެހޭ ރިޕޯޓެއް ކަމަށާއި ސުޕްރީމް ކޯޓުގެ އާއްމު ސިޓީގެ 4/2010 ގެ އަމުރެއްގައި ހުލާސާ ރިޕޯޓް ހުކުމް ކުރާ ދުވަހު ދިނުމަށް ހުރިހާ ކޯޓެއްގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ދިޔާނާ ވިދާޅުވީ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓާއި ހުލާސާ ރިޕޯޓާ އެއީ ދޭއްޗެއް ކަމަށެވެ. އަދި ހުކުމް ކުރާ ދުވަހު ހުލާސާ ރިޕޯޓް ދިނުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ ވެސް ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓް 14 ދުވަހުގެ ތެރޭގައި ލިބެންވާއިރަށް އިސްތިއުނާފްގެ ފުރުސަތު ގެއްލިގެންދާތީ ކަމަށެވެ.

"އެ މައްސަލައިގެ ހުލާސާ ރިޕޯޓް ނުލިބިގެން އެ މައްސަލަ ރަޖިސްޓްރީ ނުކުރެވޭތީ އިސްތިއުނާފްގެ ހައްގު އެބަ ގެއްލޭ. އަނެއް ކޮޅުން ޖާބިރަކީ އިންތިހާބަކަށް ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެނޑިޑޭޓެއް ކަމުގައިވާ އިރު ޖާބިރުގެ ކެންޑިޑެންސީ ބާތިލްކުރުމުގެ ހުކުމެއް އައިސްފައެއް ނެތް، އެހެންވެ އިންތިހާބް ކުރުމަށް ލިބިފައިވާ 30 ދުވަހުގެ މުއްދަތު މިދަނީ ހިނގަމުން. އެހެންވެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރަން އެބަޖެހޭ،" ދިޔާނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް މިއަދު ސަން އަށް ވިދާޅުވީ ހުލާސާ ރިޕޯޓް ހޯދުމާ ބެހޭ އެއްވެސް މުއާމަލާތެއް އެ މައްސަލަ ހުށަހެޅުއްވި ފަރާތްތަކާ ކުރައްވާފައިނުވާނެ ކަމަށެވެ.

ޖާބިރުގެ ވަކީލް މިއަދު އަޅުގަނޑާ ބައްދަލުކުރެއްވި ހުލާސާ ރިޕޯޓްގެ މައްސަލައިގައި. އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ އިދާރީ މުވައްޒަފެއް ކަމަށް، އަދި އެ ބޭފުޅުން ބޭނުންފުޅުވާ ކަންތައް ގާޒީއަށް ނަންގަނެދެއްވާނެ ކަމަށް ވެސް ދެންނެވިން. އެ މައްސަލާގައި އެބޭފުޅުންނާ ވާހަކަ ދެއްކެވީ ފަހަރުގައި މި ކޯޓުގެ އިދާރީ މުވައްޒަފަކަށް ވެދާނެ. ހައިކޯޓުން އެދިއްޖަނަމަ މައްސަލައިގެ ހުރިހާ ލިޔުންތަކާއި މައްސަލަ ވެސް އެ ކޯޓަށް ފޮނުވޭނެ،" އަލީ އާދަމް ވިދާޅުވި އެވެ.

ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން ޖާބިރަށް އަންގާފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހދ. ހޮނަޑައިދޫގައި އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެންނެވެ.

އެ މައްސަލަ ޖާބިރުގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ތިން ފުލުހުން ވެސް ވަނީ ކުޑަކަމުދާއެއްޗިހި ދިނުމަށް އޭނާ އިންކާރު ކުރެއްވި ކަމަށް ބުނެފަ އެވެ. ހެކިބަސް ދެމުން ތިން ފުލުހުން ވެސް ބުނެފައި ވަނީ ކުޑަކަމުދާއެއްޗެހި ދިނުމަށް ޖާބިރަށް އަންގާފައި ވަނީ ގަވާއިދުގައި ބުނެފައިވާ ފަދައިން ފޯމަކުން ކަމަށާއި ފޯމް ދައްކަން އުޅުނުން އޭނާ އެ ފޯމް ބަލަން ބޭނުންނުވި ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ޖާބިރު ވިދާޅުވީ އެ ތިން ހެކީންނަކީ އޭނާ އަށް އަނިޔާކުރި މީހުން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ތިން ފުލުހުން ޖާބިރަށް އަނިޔާކުރިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ.