24 Feb 2014, 14:18
މީހަކު މަރާލައިގެން އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ގ. ކޯޒީ، އިބްރާހިމް ޝަހުމްގެ މައްޗަށް ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މިއަދު އިތުރު ހަތަރު މަހުގެ ޖަލު ހުކުމެއް ކޮށްފި އެވެ.
ޝަހުމްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާ އަތޮޅު ވެއްސަަށް ގެން ދިޔަ ތަނުން އަތުގައި އަޅުވާފައި އިން ބިޑިއާއެކު ފުލުހެއްގެ މޭ މަތީގައި ޖެހި ކަމަށް ޝަހުމް އިއުތިރާފްވެފައިވާ ކަަމަށެވެ.
"މާ ބަލި ބޮޑުވަންޏާ އަޅާލާނަން ކަމަށް ބުނެ އިންޒާރުދީ މީނާ ދެ އަތް މުއްކެވުމަަށް ފަހު ބިޑިއާ އެކު ހުސެއިން ޝިޒްލީން [ފުލުހެއް]ގެ މޭ މަތީގައި ޖަހާފައިވާކަން މީނާގެ އިއުތިރާފުންނާއި ހެކިންގެ ހެކިބަހުން އެނގޭ،" އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ހުރި ފުލުހެއްގެ ގައިގައި ޖެހުމުން ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޝަހުމް ހަތަރު މަހަށް ޖަލަށްލުމަށް ހުކުމް ކުރުމާ އެކު 5000ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރާ ކަމަށެވެ.
ޝަހުމް އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މ. ބިއުޓީފްލާވާ، މުހައްމަދު ހުސެއިން މަރާލި މައްސަލައިގަ އެވެ. އޭގެ އިތުރުން ސ. ހިތަދޫ، ވަރުދީގޭ، އަހުމަދު ބަޝީރުގެ މަރުގެ މައްސަލައިގައި ވެސް އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ.