ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ މީހަކު ފުލުހުންނާ އަމިއްލަ އަށް ހަވާލުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ، ސ. މަރަފޫފޭދޫ، ސަންލައިޓް މުހައްމަދު މަފްތީހް،40، އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައިވާ ކަމަށެވެ.

މަފްތީހް ކޯޓަށް ހާޒިރުކުރެވިފައި ވާތީ، މިހާރު އޭނާ ހޯދުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ވަނީ ބާތިލުވެފަ އެވެ.

ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން މަފްތީހް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އޭނާ އާ އެކު ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިތުރު ހަ މީހަކު ވެސް ހޯދުމަށް ފުލުހުން ވަނީ އެދުވަހު އިއުލާންކޮށްފަ އެވެ.

ފުލުހުން ބުނީ އެ ހަ މީހުންގެ ތެރެއިން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ނުކުރެވިވާ، ޅ. ހިންނަވަރު ވިދުވަރު އަބްދުލްހަމީދު މުހައްމަދުދީދީ،39، ވެސް އިއްޔެ ހިންނަވަރުގައި ހުއްޓައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.