ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މ. އަރާރޫޓުވިލާ އަހްމަދު ހާޝިމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 14 މިލިއަން ރުފިޔާގެ ލޯން ނުދައްކައިގެން، ބޭންކް އޮފް މޯލްޑިވްސް އިން ވިއްކާލުމަށް އިއުލާން ކުރި، މ. އަރާރޫޓްވިލާގެ އަގު ނީލަމުގައި 22.8 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ، މ. އަރާރޫޓްވިލާ ވިއްކާލުމަށް ބީއެމްއެލުން ވަނީ ނީލަމަށް ހުޅުވާލައިފަ އެވެ.

މ. އަރާރޫޓްވިލާ އާއި އެގޯތީގައިވާ އެންމެހާ ވަޅުފަދަ ތަންތަން ނީލަމުގައި ވިއްކާލުމާ ބެހޭ ގޮތުން ބީއެމްއެލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނީލަމުގައި އެންމެ ފަހުން އެގޭގެ އަގެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 22،820،000 މިލިއަން ރުފިޔާ ކަމަށެވެ.

ބީއެމްއެލުން ބުނީ މިހާރު ހުށަހަޅާފައިވާ އަގަށް މަދުވެގެން އިތުރުކުރެވޭނީ 500،000ރ. ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އަގަށް އިތުރު އަގެއް ހުށަހަޅައިފައިނުވާ ނަމަ އަންނަ މާޗް މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 1:30ގައި ނީލަން ނިންމާލެވޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މ. އަރާރޫޓްވިލާ ގަތުމަށް ނީލަމުގައި އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އަގު އެ ބޭންކުން ކޮންމެ ދުވަހެއްގައި ވެސް އިޢުލާން ކުރާނެ ކަމަށާއި އިތުރު އަގެއް ހުށަނާޅާ ފަސް ދުވަސް ވެއްޖެ ނަމަ ނީކަން ނިންމާލާނެ ކަން ބޭންކުން ވަނީ އަންގައިފަ އެވެ.

ނީލަން ނިމުމުން އެގެއަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް އެކަން އެންގޭނެ ކަމަށާއި އެފަރާތަށް ނީލަން ނިމުނުކަން އަންގާ ތާރީހުން ފެށިގެން ދިހަ ދުވަސް ތެރޭގައި ނުވަތަ ބޭންކުން އިތުރުކޮށްދޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހަޅާފައިވާ އަގު އެ ބޭންކަށް ދައްކަން ޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ.

މ. އަރާރޫޓްވިލާ ވިއްކާލުމުގެ ހުއްދަ ބޭންކަށް މިދިޔަ އަހަރު ދީފައިވާ، ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ތަލްހަތާއި އަހްމަދު ހާޝިމް ބީއެމްއެލް އިން ނަގާފައިވާ ލޯނަށް ކަނޑައެޅިފައިވާ ގޮތަށް ފައިސާ ނުދެއްކުމުން މިދިޔަ އަހަރުގެ ޖުލައި މަހު 25 ގެ ނިޔަލަށް ޖޫރިމަނާ އާ އެކު ޖުމްލަ 27.6 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ.

އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި އެއްފަހަރާ ދައްކައި ހަލާސް ނުކޮށްފި ނަމަ އެ ލޯނަށް ރަހުނުކޮށްފައިވާ މ. ވީނަސް ގޯއްޗާއި މއ. އަރާރޫޓުވިލާ ގޯތި ވިއްކާލުމުގެ ހުއްދަ ކޯޓުން ވަނީ ބީއެމްއެލް އަށްދީފަ އެވެ.

ބީއެމްއެލުން 14 މިލިއަން ރުފިޔާގެ އެ ލޯން ދޫކޮށްފައި ވަނީ މ. އަރާރޫޓްވިލާ ތަލްހަތު އިބްރާހިމްކަލޭފާނާއި ހަމައެގޭ މުހައްމަދު ހަބީބް އިބްރާހިމް ކަލޭފާނާއި އެގޭ އަހުމަދު ހާޝިމް އަދި މ. ހިތިލާގޭ އަބްދުﷲ ޝާހު އިބްރާހިމް ކަލޭފާނަށެވެ.