24 Feb 2014, 11:56
ސްޕެނިޝް ލަލީގާގައި އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗުން އޮސަސޫނާ މޮޅުވުން ހައްގު ކަމުގައި އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.
އެތްލެޓިކޯ އިން މިމެޗަށް ނުކުތް އިރު، ލީގުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރުމަށް މިމެޗުން މޮޅުވުމަށް އޮތީ މަޖުބޫރުވެފަ އެވެ. ނަމަވެސް އެ މަސައްކަތްތަކަށް ނިމުމެއް އައީ ފުރަތަމަ ހާފްގެ ތެރޭގައި އޮސަސޫނާ އިން ކާމިޔާބުކުރި ލަނޑުތަކުންނެވެ. އިއްޔެ ކުޅުނު މިމެޗުން އޮސަސޫނާ މޮޅުވީ 3-0 ލަނޑުންނެވެ.
"އަހަރެމެންނަށް ވުރެ އޮސަސޫނާ ރަނގަޅަށް ކުޅުނު، އެހެންކަމުން އެ ޓީމަށް މަރުހަބާ ކިޔަން." އެތްލެޓިކޯގެ ކޯޗު ސިމިއޯނީ ބުންޏެވެ. "ދެވަނަ ހާފްގައި އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ގޯލެއް ކާމިޔާބު ނުކުރެވުނީ."
އޮސަސޫނާގެ ކުޅުން ރަނގަޅު ކަމުގައި އެތްލެޓިކޯގެ ލެޕްޓް ބެކް ފިލިޕޭ ލުއިސް ވެސް ގަބޫލުކުރެ އެވެ. "އެމީހުން (އޮސަސޫނާ) އިން ރަނގަޅު ކުޅުމެއް ދެއްކި." ފިލިޕޭ ލުއިސް ބުންޏެވެ. "އެމީހުންނަށް ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފި. އަހަރެމެން އެމީހުންނަށް މަރުހަބާ ކިޔަން ޖެހޭ. ދެން އަހަރެމެން ވިސްނަންވީ ކުރިއަށް އޮތް މެޗާ މެދު."
ސްޕެނިޝް ލަލީގާގައި އެތްލެޓިކޯ ދެން ބައްދަލުކުރަން ޖެހޭނީ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. އެތްލެޓިކޯގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މިމެޗު ކުޅޭނީ އަންނަ މަހު ދެވަނަ ދުވަހު އެވެ.