ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދޮޅު ލައްކަ ރުފިޔާ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި 12 ފުޅި ބަނގުރާ އަތުލައިގެންފި އެވެ.


ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ވޭތުވެ ދިޔަ ތިން ދުވަހު މާލޭގައި ހިންގި ހާއްސަ އޮފަރޭޝަންތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ ގއ. ވިލިނގިޔަށް މަސްތުވާތަކެތީގެ ޝިޕްމަންޓެއް ފޮނުވަން އުޅުނު އެ ރަށު، ނައިން ހައުސް، މުނީރު އަހުމަދު، 27، އަތުން އިއްޔެ ބުލެޓް ސައިޒުގެ 30 ޕަކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފުރާ ހުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.


އެ މަސްތުވާތަކެތީގެ މަގުމަތީ އަގަށް 150000ރ. އަރާނެ ކަމަށް ވިދާޅުވެ ޖިނާހު ވިދާޅުވީ މަސްތުވާތަކެތީގެ އެފަދަ ޝިޕްމަންޓެއް އަތުލައިގަނެވުމަކީ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ލިބުނު ކާމީޔާބީއެއް ކަމަށެވެ.


ޖިނާހު ވިދާޅުވީ މުނީރު އަހުމަދަކީ ގއ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެ އަތޮޅުގެ ރަށްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެ އެއްޗެހި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ މީހެއް ކަމަށާއި އެނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެއްޗަކީ ވިޔަފާރީގެ އުސޫލުން އޭނާ ގެންގުޅުނު އެއްޗެހި ކަމަށެވެ.


އަހުމަދު މުނީރަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވިދާޅުވެ، ޖިނާހު ވިދާޅުވީ އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމް ތަމްފީޒު ކުރަމުންދިޔަ މީހެއް ކަމަށާއި ނަމަވެސް މި އަހަރުގެ އޮކްޓޯބަރު މަހު އޭނާ ބަންދުން ދޫވެފައިވާ ކަމަށެވެ. އަދި އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.


ފުލުހުން ހިންގި އިތުރު އޮޕަރޭޝަނެއްގެ މައުލޫމާތު ދެއްވަމުން ޖިނާހު ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހުގެ އިރާކޮޅު ވަގުތެއްގައި މާލެއައި ލޯންޗަކުން އެއް ކޭސް (12 ފުޅި) ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ ލޯންޗަކީ ކޮންތަނަކުން މާލެ އައި ލޯޗެއް ކަމެއް ވިދާޅުވެވެން ނެތް ކަމަށާއި ބަނގުރަލުގެ މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ޖިނާހު ވިދާޅުވި އެވެ.


ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކޮންބައެއް ކަމެއް ޖިނާހު ވިދާޅެއް ނުވި އެވެ.


"ބަނގުރާތައް އަތުލައިގަތުމާ ގުޅިގެން، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އަޅުގަނޑުމެން ވާނީ ގެނެސްފައި. މި މައްސަލަ އަޅުގަނޑުމެން މިހާރު މިގެންދަނީ އިންވެސްޓިގޭޝަން ޓީމުން ވަރަށް ބޮޑަށް ތަހުގީގު ކުރަމުން. އަދި މި ތަކެތި މާލެ އަރުވާފައި ވަނީ ކިހިނެއްތޯ އާއި މި ތަކެތި ގެންގުޅެނީ ކޮން ބައެއްތޯ ތަހުގީގު ކުރަމުންމިދަނީ." ޖިނާހު ވިދާޅުވި އެވެ.


އެ ދެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.