14:30


ވަކި ބައެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލުމަށް މަސައްކަތް ނުކުރުމަށް އަދާލަތު ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައިފި އެވެ.


އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ހިންގާފައިވާ އަދަބާ ޚިލާފް ޢަމަލްތަކާ އަދި މަޖިލީސްގެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ބައެއް މީހުން ފުލުހުންނަށް އަނިޔާކޮށްފައިވާ މައްސަލަ ކުށްވެރިކޮށް، އާދަލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ މުސްތަގިއްލު މުއައްސަސާތަކުން ގައުމުގެ މަސްލަހަތު އިސްކޮށްގެން ކުރަމުންދާ މަސައްކަތްތައް، ވަކި ބައެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހުއްޓުވާލުމަށް މަސައްކަތް ނުކުރުމަށް އެ ޕާޓީން މަޖިލީހުގެ މެމްބަރުންނަށް ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި ގާނޫނު ހަދާ ބައެއްގައި ހުންނަން ޖެހޭފަދަ މަތިވެރި އަޚްލާގް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެ އެވެ.


އެ ބަޔާނުގައި އަދި ވަނީ މަޖިލީހުގެ ޖަލްސާތަކަށްފަހު މަޖިލީހުގެ ކޯޅުންތަކުގައި އާއްމު ރައްޔިތުން ބައިވެރިކުރުރުމަށްޓަކައި އާއްމު ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވާ ރައްޔިތުން ހޫނުކުރުމަށް މަސައްކަތް ކުރުމަކީ ގައުމުގެ އިޖްތިމާޢީ މަސްލަހަތު ހަލަބޮލިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ކޯޅުންތަކުގެ ތެރެއަށް އާންމުން ނުވައްދާ މެމްބަރުންގެ ގައުމީ އަދި ދީނީ ވާޖިބައިގެން ކުރިއަށް ދިއުމަށް ވެސް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.