24 Feb 2014, 11:02
ސަރުކާރާ އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހޮވަންޖެހެނީ ބާރުތައް ވަކިކުރައްވަން ކަމަށް ވިދާޅުވާ އިރު، އެ ބާރުތައް ވަކިކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރުކޮށް ނިމިފައިވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަންޗަންގޯޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކެމްޕޭން އިފްތިތާހް ކުރުމަށް ރޭ މއ. ކާމިނީގެ ކުރިމަތީގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ބާރުތައް ވަކިކޮށްފައިވާ މިންވަރަށް ވުރެ ބޮޑަށް ބާރުތައް ވަކިކުރެވިއްޖެ ނަމަ ގައުމަށް ކުރިއަކަށް ނުދެވޭނެ ކަމަށެވެ.
"ދައުލަތުގެ ތިން ބާރު ވަކިކުރިކުރީނުންގޮސް މިހާރު މިއުޅެނީ ގައުމަށް ހިންދަމާ ނުލެވިގެން. އަޅުނގަޑު ދަންނަވާނީ އެ މޮޓޯ ބޭނުންކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑަށް އޮޅިވަޑައިގަންފައޭ އެތިއްބެވީ،" މައްޗަންގޯޅި އުތުރަށް ނިސްބަތްވާ ރައީސް ވަހީދު ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނުކުންނަ ކެނޑިޑޭޓުންނަކީ އެންމެންނާ ގުޅިގެން އެކުވެރިކޮށް މަސައްކުރާނެ ބައެއް ކަމަށާއި ގައުމާއި ގައުމުގެ މުއައްސަސާތައް ބައިބައިކޮށް ވަކިވަކިކުރާކަށް ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުން މަސައްކަތެއް ނުކުރައްވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.