ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުން ހަމައެކަނި ފައިދާވާނީ 2000 މީހުންގެ އާބާދީ ހަމަވާ ރަށްރަށަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހިންގާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް އިފްތިތާހު ކުރުމުގެ ގޮތުން ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުދި ރަށްތަކުގައި ވެސް ތަފާތު ކުޅިވަރު ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްދޭނެ ކަމަށެވެ.

"ދެހާސް މީހުންގެ އާބާދީ ހަމަވާ ރަށްރަށުގައި ސްޕޯޓިން އެރީނާތައް ގާއިމްކުރެވިގެން ދިޔަ ނަމަވެސް، އަޅުގަނޑުމެން ހަވާސާއެއް ނުކުރަން އެހެން ކުދިކުދި ރަށްރަށާއި ދެހާސް މީހުން ހަމަނުވާ ރަށްރަށުގެ އާބާދީތަކެއް. ދިވެހިރާއްޖޭގައި އާންމުކޮށް ކުޅެވޭ ހުރިހާ ކުޅިވަރުތަކެއް އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާ އެކީގައި އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ މަޝްރޫއުގެ ތެރޭގައި އެ ރަށްރަށަށް ބޭނުންވާ ހަރަކާތްތައް ހިމެނިގެންދާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ބަޖެޓުން ފައިސާ ހަރަދުކުރުމަށް ސަރުކާރަށް އުނދަގުލެއް ކުރިމަތިނުވާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓްގައި ޒުވާނުންގެ ހަރަކާތްތަކަށް 300 މިލިޔަން ރުފިޔާ އަށް ވުރެ ކުޑަނޫން އަދަދެއްގެ ބަޖެޓެއް ހިމަނާނެ ކަމަށެވެ.

"އަންނަ އަހަރު ވެސް ޒުވާނުންގެ ހަރަކާތްތަކަށް 300 މިލިއަން ރުފިޔާ އަށްވުރެ ކުޑަ ނޫން އަދަދެއް ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން." ރައީސް ވިދާޅުވި އެވެ. "ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ބެޖެޓުން ފައިސާ އެލޮކޭޓްކުރުމަށް އަޅުގަނޑުމެންނަށް އުނދަގުލަކާއި ކުރިމަތިލާކަށް ނުޖެހޭނެ."

ރައީސް ޔާމީން ވިދާޅުވީ މި ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ފަސް އަހަރުގެ ތެރޭގައި ނިންމާލެވިއްޖެ ނަމަ، ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ބޭނުންނުވާ ވަރަށް ގާއިމްވެގެންދާނެ ކަމަށެވެ.

"ކާމިޔާބުކަމާ އެކު އަޅުގަނޑުމެންނަށް މި ފަސް އަހަރުގެ ތެރޭގައި ނިންމާލެވިއްޖެ ނަމަ، ދެން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ދިވެހިރާއްޖޭގެ ކުޅިވަރު އިންފާސްޓްރަކްޗާ އިތުރަށް ބޭނުންނުވާ ވަރަށް އެހުރީ ގާއިމްކުރެވިފައި." ރައީސް ވިދާޅުވި އެވެ.

އޮލިމްޕަހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސް ޔާމީނާއި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫނެވެ.