ސްޕޯޓްސް އެރީނާގެ ޑިޒައިންތައް ނިމިފައިވާ ކަމަށާއި އެ ކުރެހުންތައް މިއަދު ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް އިފްތާހް ކުރުމަށް އޮލިމްޕަހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ކުރެހުންތަކުގެ ތަފްސީލީ ކުރެހުންތައް ނިމިފައިވާ ކަމަށާއި ޒަމާނީ ވަސީލަތްތައް ހިމެނޭ ބައެއް ސްޕޯޓްސް އެރީނާތަކުގެ ޑިޒައިންތައް މާދަމާ ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށެވެ.

"މިހާރު ކުރެހުންތަކުގެ އެންމެ ފައިނަލް ތަފްސީލީ ކުރެހުންތައް ވަނީ ނިމިފައި. މީގެ ތެރެއިން ބައެއް ސްޕޯޓްސް އެރީނާތަކުގެ ބިޑިން ޕްރޮސެސް ފެށުމަށް ތަފްސީލްތަކާ އެކު މާދަމާ އަޅުގަނޑުމެން ޓެންޑާ ބޯޑަށް ފޮނުވާނަން." މަލީހު ވިދާޅުވި އެވެ.

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްތަކުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި ކުރިއަށްދާނީ ފުޓްސަލް ދަނޑުތައް އެޅުން ކަމަށާއި 50 ނުވަތަ 60 ދުވަސް ތެރޭގައި އެ މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ ފޭސްތަކަކަށް ބަހާލެވިގެން ސްޕޯޓްސް އެރީނާތަކުގެ މަސައްކަތް ކުރިއަށްދާ އިރު، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ އަހަރު 34 ސްޕޯޓްސް އެރީނާ ގާއިމްކުރެވިގެންދާއިރު އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މި ވަގުތު ރާއްޖޭގެ ވަރަށް ގިނަ ޒުވާނުން ބޭނުންވެލައްވާ ފުޓްސަލް ދަނޑުތަކެއް، އެ ފޭސްގެ ފުރަތަމަ މަރުހަލާގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. އަޅުގަނޑުމެންގެ އުންމީދަކީ މަސައްކަތް ފެށޭތާ 50 ދުވަސް ނުވަތަ 60 ދުވަހުގެ ތެރޭގައި ސްޕޯޓްސް އެރީނާތަކުގައި ހިމެނޭ ފުޓްސަލް ދަނޑުތައް ނިންމާލުން." މަލީހު ވިދާޅުވި އެވެ.

އޮލިމްޕަހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް ޔާމީނާއި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އަދި ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގައްސާން މައުމޫނެވެ.