ޖޯޑަން ހެންޑަސަން އާއި ޑެނިއަލް ސްޓަރޭޖްގެ ލަނޑުތަކުން ސްވަންސީ ސިޓީ އަތުން ލިވަޕޫލް އަށް އުނދަގޫ މޮޅެއް ލިބުންއިރު، ނޯވިޗް ސިޓީ އަތުން ޓޮޓެންހަމް ހޮޓްސްޕާ ބަލިވެއްޖެ އެވެ.

ލީގުގެ ހަތަރުވަނާގައި އޮތް ލިވަޕޫލް އާއި ބާރަ ވަނާގައި އޮތް ސްވަންސީ ކުޅުނު މެޗުގައި ހަތް ލަނޑު ފެނިފައިވެ އެވެ. ފެށުނީއްސުރެ ފޯރިގަދަކަން ފާހަގަކުރެވުނު މިމެޗު ނިމިގެންދިޔައީ 4-3 ލަނޑުންނެވެ. މިމެޗުގައި ސްވަންސީ އަށް ލީޑް ލިބުނަ ނުދީ ލިވަޕޫލް އިން ހިފަހައްޓާފައިވެ އެވެ.

މެޗުގެ ތިންވަނަ މިނެޓްގައި ލިވަޕޫލް އަށް އިނގިރޭސި ފޯވާޑް ޑެނިއަލް ސްޓަރިޖް ލީޑް ނަގައިދިން އިރު، ވިހި ވަނަ މިނެޓްގައި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ވަނީ ލީޑް ފުޅާކޮށްދީފަ އެވެ. ނަމަވެސް ސްވަންސީ އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތިރީސް މިނެޓް ނިމުމުގެ ކުރިން ދެލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 23 ވަނަ މިނެޓްގައި ސްވަންސީގެ ފުރަތަމަ ލަނޑު ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ޖޮންޖޯ ޝެލްވީ ކާމިޔާބުކޮށްދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އައިވަރީ ކޯސްޓް ފޯވާޑް ވިލްފްރެޑް ބޮނީ އެވެ.

ސްވަންސީ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލް އިން ވަނީ އަލުން ލީޑް ހޯދައިފަ އެވެ. މެޗުގެ 36 ވަނަ މިނެޓްގައި ލިވަޕޫލް އަށް މިލަނޑު ކާމިޔާބު ކޮށްދިނީ އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ސްޓަރިޖް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 3-2 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެ މިނެޓް ފަހުން ޕެނަލްޓީ އޭރިޔާ ތެރެއިން ލިވަޕޫލް ޑިފެންޑަރު މާޓިން ސްކާޓެލް ކުރި ފައުލާއި ގުޅިގެން ސްވަންސީ އަށް ޕެނަލްޓީ އެއް ލިބުނެވެ. މި ޕެނަލްޓީ އިން ދެވަނަ ފަހަރަށް ސްވަންސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމްގެ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ބޮނީ އެވެ. މެޗުގެ 74 ވަނަ މިނެޓްގައި ލިވަޕޫލްގެ ފަހު ލަނޑު އަދި ލިވަޕޫލް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިން ހެންޑަސަން އެވެ.

ނޯވިޗް އަތުން ލީގުގެ ފަސްވަނާގައި އޮތް ޓޮޓެންހަމް ބަލިވުމުން ލިވަޕޫލް އާއި ދެމެދު އޮތް ފަރަގު ވަނީ ބޮޑުވެފަ އެވެ. 1-0 ލަނޑުން ނިމުނު މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 47 ވަނަ މިނެޓްގައި ނޯވިޗް އަށް ކާމިޔާބު ކޮށްދިނީ ރޮބާޓް ސްނޮޑްގްރާސް އެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ލޮއިކް ރެމީ ކާމިޔާބުކޮށްދިން ލަނޑާއެކު އެސްޓަން ވިލާ އަތުން ނިއުކާސަލް ވަނީ މޮޅުވެފަ އެވެ. މެޗުގައި ދެޓީމުން ވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ގޯލާއި އަމާޒުވެފައި ވަނީ މަދު ހަމަލާއެކެވެ.

ފަސްދޮޅަސް ޕޮއިންޓާއެކު ޕްރިމިއާ ލީގުގެ އެއްވަނާގައި ޗެލްސީ އޮތްއިރު، 59 ޕޮއިންޓާއެކު އާސެނަލް އޮތީ ފަހަތުން ވިއްދާފަ އެވެ. 57 ޕޮއިންޓާއެކު ތިންވަނާގައި މެންޗެސްޓާ ސިޓީ އޮތްއިރު، ފަހަތުން ވިއްދާފައި އޮތް ލިވަޕޫލް އަށް ލިބިފައި ވަނީ 56 ޕޮއިންޓެވެ.