24 Feb 2014, 10:29
ރަސްމީގޮތެއްގައި އިންތިޒާމް ކުރެވިގެން ފުވައްމުލަކުގައި ކްރިކެޓް ކުޅެން ފެށުނީ 2011 ވަނަ އަހަރު އެވެ. އެއަހަރު ފުވައްމުލަކުގައި ބޭއްވުނު ފޯރިގަދަ ސާކް ޓީ 20 މުބާރަތްވެގެން ދިޔައީ އެ ރަށުގެ ކުދި ބޮޑު އެންމެންނަށް ކްރިކެޓްގެ ތައާރަފު ކޮށް ދިން މުބާރާތަކަށެވެ. އެއަށް ފަހު މި ފާއިތުވި ތިން އަހަރުތެރޭ ފުވައްމުލަކުގެ ވައިޑީޕީ ޓީމެއް މާލެ އަށް ދަތުރެއް ކުރި އެވެ. އަދި، 2013 ވަނަ އަހަރު 16 އަހަރުން ދަށުގެ ގައުމީ ޓީމު ޝްރީލަންކާ އަށް ކުރި ދަތުރަށް ފުވައްމުލަކުން ދެ ކުޅުންތެރިން ހޮވުނެވެ. ފުވައްމުލަކުގައި ކްރިކެޓް ކުރިއެރުވިދާނެ ކަމާމެދު ކުރާ އުންމީދު މިހާރުވަނީ އެތައް ގުނައެއް މައްޗަށްޖެހިފަ އެވެ.
މި އުންމީދުތައް ހަގީގަތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ފާހަގަ ކޮށްލެވޭ ހަރަކާތެއް ފައިތުވި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވުނެވެ. އެއީ ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވުނު ފުވައްމުލައް ކްރިކެޓް ޑިވެލޮޕްމަންޓް ފޯރަމެވެ.
ފުވަމުލަކުގައި ކްރިކެޓް ހަރަކާތްތައް ހިނގުމުގައި އިސްކޮށް އުޅޭ ފަރާތްތަށް ބައިވެރިވެގެން ބޭއްވުނު މި ފޯރަމްގައި އެ ރަށުގައި ކްރިކެޓް ކުރިއެރުވުމާގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވުނުވެ. ކްރިކެޓް ބޯޑު އެގްސެކެޓިވް ކޮމިޓީއާ އެކު އެއްތަނަކުން ބައްދަލުވެ، މިފަދަ މަޝްވަރާތަކެއް ކުރުމުގެ ފުރުސަތު ލިބުމުން ކްރިކެޓް ކުރިއަރުވަން މަސައްކަތް ކުރާފަރާތަކުން އެކަން ހިތްހަމަޖެހުމާ އެކު ފާހަގަ ކުރިއެވެ.
މި ބައްދަލުވުމުގައި އެންމެ ބޮޑަށް ވަހަކަ ދެކެވުނީ، އެ ރަށުގައި ކްރިކެޓް ޕްރޮމޯޓް ކުރުމާއި، އިތުރު ފަރާތްތަކުގެ ޝައުގު ވެރިކަން ހޯދުމާ ގުޅޭގޮތުންނެވެ. އަދި، ކޯޗިން ޕްރޮގްރާމަ ހިންގުމަށް ފެންވަރު ރަގަޅު ކޯޗިން ޓީމެއް އެކުލަވާލުމަށް މަޝްވަރާކުރެވުނެވެ. ހަމަ މިއާ އެކު ކްރިކެޓް ގެ އިތުރު ވަސީލަތްތައް ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވި އެ ރަށުގެ ހަތަރު ސްކޫލެއްގައި ނެޓް އެޅުމަށް ކްރިކެޓް ބޯޑުން އެހީތެރިވާން ނިންމެވި އެވެ.
ފުވައްމުލަކުގައި ހެދިފައިވާ ކްރިކެޓް ދަނޑު ބެލެހެއްޓުމުގައި ހުރި ގޮންޖެހުން ތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. ދަނޑު ބެލެހެއްޓުމުގެ ކަންތައް ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހަމަޖެހިގެން ދާނެކަމަށް، ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އެ މިނިސްޓްރީގެ މަނދޫބު ވިދާޅުވި އެވެ. އަދި އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ވެސް މިނިސްޓްރީން މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ކްރިކެޓް ހަރަކާތްތައް ހިނގުމުގެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އެސޯސިއޭޝަނެއް ހެދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ބައިވެރިންނަށް އެންމެ އުފާވެރި ހަބަރަކަށްވީ ކްރިކެޓް ބޯޑުން ކްރިކެޓް ތަރައްގީ ކުރުމަށް ކަންޑައަޅާ ބަޖެޓުގެ 10 ޕަސެންޓް ކޮންމެ އަހަރަކު ވެސް ފުވައްމުލަކު ކްރިކެޓަށް ދިނުމަށް ނިންމާ އެކަން ބޯޑުގެ ރައީސް އިއުލާން ކުރުމެވެ. ހަމަމިއާ އެކު ގައުމީ އަންހެން ކްރިކެޓް ޓީމެއް ތައްޔާރުކުރުން ފުވައްމުލަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށާއި 2015 ވަނަ އަހަރު ރާއްޖޭން ބޭރަށް ފޮނުވޭ ފުރަތަމަ އަންހެން ޓީމަކީ ފުވައްމުލަކުގެ ޓީމަކަށް ހެދުމުގެ މަސައްކަތް ފެށުމަށް ވެސް ނިންމުނެވެ.