ތަފާތު ބޮޑު ނަތީޖާއަކުން އޮސަސޫނާ އަތުން ބަލިވެ އެތްލެޓިކޯ މެޑްރިޑް ސްޕެނިޝް ލަލީގާ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް އުނދަގޫ ކަމެއް ކުރިމަތިވެއްޖެ އެވެ.

އޮސަސޫނާގެ އަމިއްލަ ދަނޑުގައި އެތްލެޓިކޯ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 3-0 ލަނޑުންނެވެ. މި ތިން ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފްގެ ތެރޭގަ އެވެ. މެޗުގެ ހަވަނަ މިނެޓްގައި އޮސަސޫނާގެ ފުރަތަމަ ލަނޑު ހަވަނަ މިނެޓްގައި އަލްވާރީ ޗެޖޫޑޯ ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު މެޗުގެ 21 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެމިލިއާނޯ އާމެންޓެރޮސް އެވެ. އަދި ތިން ވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އޮސަސޫނާ އަށް ކާމިޔާބު ކޮށްދިނީ ރޮބާޓޯ ޓޮރޭސް އެވެ.

މި ނަތީޖާގެ ސަބަބުން އެންމެ ބޮޑު ފައިދާ އެއް ލިބިގެންދިޔައީ ލީގުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށެވެ. މިމެޗުން އެތްލެޓިކޯ މޮޅުވި ނަމަ، ޕޮއިންޓްގެ ގޮތުން ރެއާލް އާއި އެތްލެޓިކޯ އާއި އެއްވަރު ވާނެ އެވެ. މިމެޗުން ބަލިވުމުން ދެވަނާގައި އޮތް ބާސާ އާއި ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައިވާ އެތްލެޓިކޯ އޮތީ ލީގުގެ ތިންވަނައިގަ އެވެ. ބާސާ އާއި އެތްލެޓިކޯ އަށް 60 ޕޮއިންޓް ލިބުން އިރު، އެއްވަނާގައި އޮތް ރެއާލް އަށް ލިބިފައި ވަނީ 63 ޕޮއިންޓެވެ.

ލީގުގެ ހަތަރުވަނާގައި އޮތް އެތްލެޓިކް ބިލްބާއޯ އިން ވަނީ ނުވަ ކުޅުންތެރިންނާއެކު ކުޅުނު ރެއާލް ބެޓިސް ބަލިކޮށްފަ އެވެ. 2-0 ލަނޑުން ބިލްބާއޯ މޮޅުވި މިމެޗުގައި ދެ ރަތްކާޑު ފެނިފައިވެ އެވެ. މިމެޗުގައި ރަތްކާޑު ދެއްކީ ބެޓިސްގެ ޑަމިއެން ޕާކުއިސް އަދި ލޮރެންޒޯ ރޭޔެސް އަށެވެ. މެޗުގައި ބިލްބާއޯ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިކާ މުނިއަން އަދި ގުއިލާމޯ އެވެ.

ލަލީގާގައި އިއްޔެ ވެލެންސިއާ އާއި ސަވިއްޔާ އަށް ލިބުނީ އުނދަގޫ މޮޅެކެވެ. ގްރެނޭޑާ އަތުން 2-1 ލަނޑުން ވެލެންސިއާ މޮޅުވި އިރު، ރަޔޯ ވަޔެކާނޯ އަތުން ސެވިއްޔާ މޮޅުވީ 1-0 ލަނޑުންނެވެ.