ކިޔޭވް (ފެބްރުއަރީ 24) : ޔުކްރޭނުން އެންމެ ބޮޑު އިސްކަމެއްދޭނީ ޔޫރަޕްގެ ގައުމުތަކާ ގުޅުންތައް ބަދަހިކުރުމަށް ކަމަށް އެގައުމުގެ ވެރިކަމަށް ޕާލަމެންޓުން އައްޔަން ކުރި ވަގުތީ ރައީސް އޮލިގްޒެންޑަރު ތިރްޗިނޯވް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާ މުޚާތަބުކުރައްވައި ޓީވީ މެދުވެރިކޮށް އިއްޔެ ދެއްވި ޚިތާބެއްގައި ތިރްޗިނޯވް ވިދާޅުވީ ޔޫރަޕްގެ އިއްތިޙާދާ އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ގުޅުންތައް ބަދަހި ކުރުމަކީ އޭނާ އެންމެ އިސްކަންދެއްވާނެ ކަންތައް ކަމަށާއި ނަމަވެސް ރަޝިޔާއާ އެކު އަވަށްޓެރި ކަމުގެ ގުޅުންތައް ދަހަމަހައްޓަވާނެކަމުގަ އެވެ. މަގާމުން ދުރުކޮށްފައިވާ ރައީސް ޔަނަކޮވިޗްގެ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ އިދިކޮޅު ފަރާތްތަކުން މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގެ ޕާލަމެންޓާއި ރިޔާސީ އޮފީސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނަސްފަ އެވެ.

މިއާ އެކު އިދިކޮޅު ފަރާތްތަކުންގެ ހިސާރުގެ ދަށުގައި ޕާލަމެންޓުން ވަނީ ޔަނަކޮވިޗް ވެރިކަމުން އަޒުލުކުރިކަމުގެ ގަރާރެއް ފާސްކޮށް އަންނަ މޭމަހުގެ 25ގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ވެސް ނިންމާފަ އެވެ. އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ޔުކްރޭންގެ ޕާލަމެންޓުން އިއްޔެ ވަނީ ޔުކްރޭންގެ ވަގުތީ ރައީސަކަށް ތިރްޗިނޯވް ޢައްޔަންކުރިކަމުގެ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.

ތިރްޗިނޯވް އަކީ ޔުކްރޭންގެ ޕާލަމެންޓްގެ ރައީސް ކަމަށް ވެސް މިދިޔަ ހޮނިހިރު ދުވަހު ހޮވާފައިވާ ފަރާތެވެ. އޭނާއަކީ މަގާމުން ދުރުކުރި ކުރީގެ ރައީސް ވިކްޓާ ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ހުންނެވި އެންމެ އިސް އިދިކޮޅު ލީޑަރު ޔޫލިޔާ ތިމަޝިންކޯއަށް ވަފާތެރި ބޭފުޅެއް ކަމަށް ރިޕޯޓްތައްބުނެ އެވެ. (ރޮއިޓާސް)