24 Feb 2014, 09:25
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ބުރުޒުމަގުގައި ހުންނަ ކޮފީ ކޯނާ ކައިރިން ހަމަލާދީ މަރާލާފައިވާ މއ. އައިޝާ، ހުސެއިން ވަހީދަށް ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ފުލުހުންގެ މީޑިއާ އަށް ދެއްވާފައިވާ އިންޓަވިއެއްްގައި ވިދާޅުވީ ހުސެއިން ވަހީދަށް ހަމަލާދިނުމުގައި އިސްކޮށް ބައިވެރިވާ 18 އަހަރުން ދަށުގެ ކުއްޖާއަކީ ވައްކަމުގެ ތަފާތު ތިން މައްސަލައެއް ޝަރީއަތަށް ސާބިތުވުމުން އަށް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުއްޖެއް ކަމަށެވެ.
ހުސައިން ވަހީދަށް ހަމަލާދީފައި ވަނީ ކޮފީ ކޯނާ ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ މއ. އާއިޝާ ގޭގެ ކައިރީގައި ރައްޓެހިންތަކަކާއި ވާހަކަ ދައްކަން ހުއްޓައި ތިން ސައިކަލެއް އައި ގްރޫޕަކުން ކަަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ދާއޫދު ވިދާޅުވި އެވެ.
"ހުސައިން ވަހީދަށް ތޫނު ހަތިޔާރުން ހަމަލާދިނުމަކީ ދެ ގްރޫޕެއްގެ ދެމެދުގައި ޖެހެމުން އައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުނުކުރެވިގެން އެ ދެ ގްރޫޕް ދެމެދުގައި މާރާމާރީ ހިންގަމުން އައިސް ހުސައިން ވަހީދަށް ހަމަލާދިނުމުގެ ހާދިސާ ހިނގުމުގެ ގާތްގަނޑަކަށް އެއް ހަފްތާކުރިން ހިނގި މާރާމާރީއެއްގެ ބަދަލުހިފުމެއް ކަން ތަހުގީގަށް ވަނީ އެނގިފައި،" ދާއޫދު ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދައުވާ ކުރުމަށްޓަކައި ފެބްރުއަރީ 20 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ކުއްޖާއަކީ ޖުވެނައިލް ޖަސްޓިސް ޔުނިޓުން ހިންގާ އިސްލާޙީ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތުދިނުމަށް ފަހު، ޖަލު ހުކުމުގެ މުއްދަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ހުންނަގޮތުގެ މަތީން ގެއަށް ބަދަލުކޮށް ގޭ ބަންދުގައި ހުންނަން ޖެހޭ ކުއްޖެއް ކަމަށެވެ.
ހުސައިން ވަހީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އެކުއްޖާ ހައްޔަރުކުރުމާ ގުޅިގެން އެ ކުއްޖާގެ މައްޗަށް ކޮށްފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ޖުވެނައިލް ކޯޓުން މިހާރު އަމުރު ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާގެ އިތުރުން މި މައްސަލާގައި 18 އަހަރުން މަތީގެ ދެ މީހަކާއި 18 އަހަރުން ދަށުގެ ތިން ކުއްޖަކު ހިމެނެ އެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.
މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނާއި ހަތަރު ކުދިންގެ ތެރޭގައި އެއް ކުއްޖަކު ފިޔަވައި އެންމެންގެ ވެސް ކުށުގެ ރެކޯޑްހުރިކަން ފާހަގަކުރައްވަމުން ދާއޫދު ވިދާޅުވީ ކުށުގެ ރެކޯޑް އޮތް ފަސް މީހުން ތަފާތު ކުށްކުށުގެ ތުހުމަތުގައި 40 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ކަމަށެވެ.